އަހަރެމެންގެ ދިވެހިރާއްޖެއަކީ ޙަޤީޤަތުގައިވެސް ދިވެހި ޤައުމެއްހެއްޔެވެ؟

Mariyam Alsau Abdulla
މަރިޔަމް އަލްސާއު ޢަބްދުﷲ
1 ހަފްތާ ކުރިން
0 މިނިޓް

ދިވެހިރާއްޖޭގެ މިނިވަން ދިދައެއް ރެއާއި ދުވާލު ދިވެހި ކަނޑުތަކާއި ވައިން ވިހުރެމުން އެބަދައެވެ. ދިވެހި ރާއްޖޭގެ ނިޝާން ކޮންމެ ރައްޔިތެއްގެ އައިޑީކާޑުގައިވެސް އެބަ ވިދާލައެވެ. މި ވިހުރުންތަކާއި ވިދުންތަކަކީ އަހަރެމެންގެ ލޮލަށް ފެންނަ އަސްލެކެވެ. އަހަރެމެންގެ ދުލުން ބަޔާންކުރާ ޙަޤީޤަތެކެވެ. އެހެންނަމަވެސް މި ޙަޤީޤަތްތައް ބަޔާންކުރާ ދުލަކީ މި ގައުމުގެ ބަސް ދަންނަ ދުލެއްހެއްޔެވެ؟ ނުވަތަ މަދަނިއްޔާތާއި، އުމްރާނީ ތަރައްޤީގެ އޮއިވަރުގައި އަހަރެމެންގެ ދިވެހިބަސް ހުޅަނގުގެ ބަސްތަކާއި މޮޑެލާފައިވާ ދުލެއްހެއްޔެވެ؟ އަހަރެމެން އެންމެންވެސް މިކަމާ ވިސްނަން އެބަޖެހެއެވެ. ދިވެހިބަސް އަހަރެމެންގެ ރަށްތަކުން ފިލާދިޔަނަމަވެސް، އަހަރެމެންގެ ދިވެހިރާއްޖެ ދިވެހި ޤައުމަކަށް ވާނެ ބާއްވައެވެ؟

އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް ލިބުމަކީ ދުނިޔޭގެ ގިނަ ބަޔަކަށް ނުލިބޭ ނިޢުމަތެކެވެ. ވީމާ އަހަރެމެންނަށް މި ނިޢުމަތް ލިބިފާވީއިރު މިއަށް ޝުކުރުވެރިވާން ޖެހޭނެއެވެ. ބަހަށް އިސްކަންދީ އަހައްމިއްޔަތުކަން ދޭންޖެހޭނެއެވެ. ލޯބިދީ އިޙްތިރާމްކުރަން ޖެހޭނެއެވެ. ނަމަވެސް މިހާރު ފެންނަމުން މިދަނީ މުޅިން އެހެން މަންޒަރެކެވެ. ބަސް ބޭނުންކުރުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތެވެ. ބަހުގެ އުސޫލުތަކާއި ޤަވާޢިދުތަކަށް ފަރުވާލެއް ނެތެވެ. ނުވިތާކަށް، މި ބަސް ކުރިއެރުވުމަށް އަތުކުރި އޮޅާލައިގެން އެންމެ އިސް ސަފުގައި އުޅެންޖެހޭ ދިވެހި ޒުވާން ޖީލު ދަނީ، އަހަރެމެންގެ އަމިއްލަވަންތަ އަދި ރީތި ދިވެހި ބަސް، ހުޅަނގުގެ ބަސްތަކާއި މަސްހުނިކޮށް މޮޑެމުންނެވެ. ކިޔެވުމުގައި ދިވެހި އަމިއްލަ ބަހަށްވުރެ އިނގިރޭސި މާއްދާއިން މަތީ މާކުހާއި ވަނަ ހޯދައެވެ. ރައްޓެހި ރަޙުމަތްތެރިންނަށް މެސެޖުކޮށް ހެދުމުގައި އިނގިރޭސި އަކުރު ބޭނުންކުރެއެވެ. މިފަދައިން ދިވެހި ދަރީން ދިވެހި ބަސް ދޫކޮށްލަމުން ދާއިރުވެސް އަހަރެމެން ތިބެންވީ ދެއަތް އުރާލައިގެން ބަލަންތޯއެވެ؟

މި މުޖުތަމަޢުގެ ވެރީންނާއި އިސްމަސްއޫލުވެރީންވެސް ހަމަ އެފަދައެވެ. ކުލާހެއްގެ ބޯޑުގައި ތާރީޚު ޖަހާއިރު ދުވަސް ފުރަތަމަ ލިޔާނީ އިނގިރޭސިންނެވެ. ދިވެހި ބަހުން ލިޔާނީ ތިރީގައެވެ. ދިވެހިރާއްޖެއިން ކުރިއަށްގެންދާ ދިވެހި ބަހުގެ އިމްތިޙާނަށް ސިޓީ ލިޔުމުގައި ލިޔާނީ އެޑިއުކޭޝަން މިނިސްޓްރީގެ އޮނަރަބަލް މިނިސްޓަރަށެވެ. ތައުލީމީ ވުޒާރާގެ ޢިއްޒަތްތެރި ވަޒީރަށް ލިޔުމަކީ ހުތުރު ކަމެއް ބާއްވައެވެ؟ ދިވެހި ބަހަށްދޭ އިސްކަމަކީ މިއީ ބާއްވައެވެ؟ މިގޮތަށް ކަންކުރުމުން ތަރުބިއްޔަތުކުރެވޭނީ ޙަޤީޤަތުގައިވެސް ދިވެހި ޖީލެއްހެއްޔެވެ؟ ދިވެހި ޤައުމަކާއި ދިވެހި ޖީލެއް ބިނާވާނީ މިފަދައިން ބާއްވައެވެ؟

މިއީ ހައްތަހާވެސް އަހަރެމެންގެ ނަފުސަށް ކުރަންޖެހޭ ސުވާލުތަކެވެ. ހާސްވާނެޖެހޭ ކަންކަމެވެ.އަހަރެމެންގެ އަމިއްލަ ބަހަކަށްވީތީ އެބަހަށް ދޭންޖެހޭ އިސްކަމާއި ޤަދަރު އަބަދުދޭނަމަ، އަހަރުން އަހަރަށް ބަސް އަލުން ދިރުވާ އާލާކުރުމުގެ އައު މަޝްރޫޢުތައް ފަށާކަށް ނުޖެހޭނެއެވެ. އެތައް ޤަރުނެއްވަންދެން ކާބަފައިން އަހަރެމެންނަށް ރައްކާތެރިކަމާއެކު ފޯރުކޮށްދީފައިވާ ބަހުން، ވާހަކަ ދައްކަން ނޭނގޭ ޅަދަރީން މި ޤައުމުގައި ތިބުމަކީ ލަދުވެތި ކަމެކެވެ. އެއީ ވެގެން ވާނޭ ކަމެއްނޫނެވެ. ޔަޤީނުންވެސް ދިވެހި ބަހަށް އިސްކަންނުދޭ ޤައުމަކީ ޙަޤީޤަތުގައި ދިވެހި ޤައުމަކަށް ނުވާނެއެވެ.

Copyright © 2025 Sofha News
Made with by Afeef & Noor