2025 ވަނަ އަހަރުގެ މެއި ޖޫންގައި އޯ ލެވެލް އަދި އެސް.އެސް.ސީ އިމްތިހާނު ހެދި ދަރިވަރުންނަށް އެ ދަރިވަރުންގެ ނަތީޖާ މި މަހުގެ 19 ވަނަ ދުވަހު ވަނީ ލިބިފައެވެ. ނަތީޖާ ލިބުމާ އެކު ގިނަ ދަރިވަރުންތަކެއް ޤައުމީ ގަދަ ދިހައެއްގެ އެކިއެކި ވަނަތަކުގައި ވަނީ ހިމެނިފައެވެ. މިގޮތުން އަނގޮޅިތީމު ސުކޫލުންވެސް ދަރިވަރަކަށް ވަނީ މި ފަޙުރުވެރި ވަނަ ލިބިފައެވެ.
އެގޮތުން މި ފަހަރު މި ފަޙުރުވެރި ވަނަ ހަސިލްކުރީ ޝައިހާ އަހުމަދެވެ. ޝައިހާ ވަނީ 6އޭ ސްޓާރ އާއި 2 އޭގެ ފާހަގަކޮށްލެވޭ ނަތީޖާއެއް ހާސިލްކޮށް ގަދަ ދިހައެއްގެ 3 ވަނާގައި ހިމެނިފައެވެ. އެހެންކަމުން މި ދަރިވަރު މިވަނީ މި ސްކޫލުގެ ތާރީޚުގައި ލިޔެވިގެންދާނެ ފަދަ ކާމިޔާބީއެއް ހޯދާފައެވެ. މި ދަރިވަރުގެ ކާމިޔާބީއަކީ އެ ރަށު ސްކޫލާއި ރަށައް ލިބުނު ވަރަށް ވެސް ބޮޑު ފަޚުރެކެވެ.
ތައުލީމީ ކާމިޔާބުތަކުގެ އިތުރުން ޝައިހާ އަކީ ސްކޫލުގައި ބާއްވާ އިތުރު ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ، އިސްދައުރެއް އަދާކޮށްފައިވާ ދަރިވަރެކެވެ. މީގެއިތުރުން އޭނާ ވަނީ ސީނިއަރ ޕްރިފެކްޓް ކަމުގެ މަޤާމުގެ އިތުރުން ސްކޫލް ކެޕްޓަން ކަމާއި އަދި ވައިސް ކެޕްޓަން ކަމުގެ މަޤާމުވެސް ފުރިހަމައަށް އަދާކޮއްފައެވެ.
މި ފަދަ ކާމިޔާބީއެއް މި ދަރިވަރަށް ހޯދުނީ އޭނާގެ ބުރަ މަސައްކަތާއި، ހީވާގިކަމާއި، ޢަޒުމް ވަރުގަދަ ކަމުންނެވެ. އަންގޮޅިތީމު ސްކޫލާއި ރަށުގެ ރައްޔިތުންވެސް މި ކާމިޔާބީއަށްޓަކައި އުފާފާޅުކޮށް، ދަރިވަރަށް މަރުޙަބާ ކިޔަމުންދެއެވެ.