ދިވެހިބަސް ނެތެމުންދާ ވަހަކައަކީ އަބަދުވެސް ފޮތްފޮތުގަޔާއި ނޫސްތަކުގައި ދެކެވެމުންދާ ވަހަކައެކެވެ. އަމިއްލަ ބަހެއް މިކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިފައި އޮންނައިރު އެބަސް ކުރިއެރުވުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ނަމަވެސް އަހަރެމެންގެ ކަންފަތްތަކުން އިވޭ އަޑުތަކުންނާއި ލޯތަކުން މިފެންނާ މަންޒަރުތަކުން ހާމަވަނީ އެ ރީތި ބަސް ދިވެހިރާއްޖެއިން ނެތި ބީވެގެންދާ މަންޒަރެވެ. އަހަރެމެންނަށްޓަކާއި އަތުކުރިއޮޅާލި އެތައް އަދީބެއްގެ ގައިގައި ކޮޅުފައިން ޖަހާމަންޒަރެވެ. ނަމަވެސް ޒަމާން މިއަންނަނީ ބަދަލުވަމުންނެވެ. މިއަދު 40 އަހަރުވެފައި ތިބި މީހުންނަކީ 2000 ގެފަހުން ސުކޫލު ނިންމި މީހުންނެވެ. އެއީ ލެޕްޓޮޕް ދަންނަ އިންޓަނެޓް ދަންނަ ޖީލެކެވެ.
ޑިޖިޓަލްގެ ދާއިރާގައި ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތެއް ކޮށްފާއި ވޭބާވައެވެ؟ ވޯޑް ޑޮކިއުމެންޓް، ގޫގުލް ޑޮކްސް، އަދި ގޫގުލް ސައިޓްތަކުގައި ޑީފޯލްޓް ފޮންޓަކީ އަދިވެސް 'ބޮލީ' އެވެ. އެރޯރ ކީއަށް ފިއްތާއިގެން ދިވެހި ބަސް ލިޔުން ހަނދާން ހުރި މީހުން ހަމަގައިމުވެސް ތިއްބަވާނެއެވެ. އަދި ޑީފޯލްޓްބަދަލުކުރަން ވެސް އިނގެނީ ވަރަށް މަދުބަޔަކަށެވެ. މީގެ އިތުރުން މިޒަމާނުގެ ކުދިން އެންމެ ގިނަ ވަގުތުތަށް ހޭދަކުރާ ޓިކްޓޮކް، އިންސްޓަގްރާމްފަދަ އްޕްތަކަށް ވީޑިއޯއެއް އެޑިޓްކުރުމަށް މިބޭނުންކުރާ ކެޕްކަޓްގައިވެސް ދިވެހިން ލިޔެވެނީ އެފުންމިފުށަށެވެ. އެރަނގަޅަށް ލިޔެވޭނެ ގޮތެއްވެސް އޮންނަނީކީ ނޫނެވެ. ފޮޓޯސޮޕުގައިވެސް ދިވެހި ރަނގަޅަށް ލިޔުމަށް ޖެހޭނީ ދަސްކުރާށެވެ. އާފްޓަރ އެފެކުޓުގެ ޙާލަކީ ވެސް މިއީއެވެ. ދަސްކުރަންޖެހޭ ޙަޤީޤަތަކީ އެންމެން އެދަސްކޮށްގެން ބޭނުމެއް ނުކުރާނެކަމެވެ. އެފަދަ ޙާލަތެއްގައި ލެޓިން ބޭނުންކުރުން އިސްކުރެއެވެ. މި ކަމުގެ ތެދުކަން ޓިކުޓޮކުން ދިވެހި ލަވައެއްގެ، ނުވަތަ މަދަހައެއްގެ ލިރިކުސް އަށް ބަލާލީމާވެސް ފެންނާނެއެވެ. މިއީ ހަމަހުރިހާސައިޓުތަކެއްގެ ވެސް ހާލަތެވެ. ހަމަމިއާއެކު ދިވެހިބަހަށް ބަދަލުކުރަން ބޭނުންކުރާ ގޫގުލް ޓްރާސްލޭޝަންއަކީ ބޭނުންކުރަން ހެޔޮވާވަރުގެ އެއްޗެއްނޫނެވެ. އޭގައިލިޔެފައޮތް އެއްޗެއް ކިޔާފިނަމަ ހިނިވެސްއަންނަ ވަރުވެއެވެ. ތެދެކެވެ! މިއީ އެއްވެސް ހާލަތެއްގައި އަދީބުންގެ ކުށެއްނޫނެވެ. އެބަސް އެދަނީ ޑިޖިޓަލްގެ ކަނޑުގައި ޣަރަޤުވަމުންނެވެ.
މިހާލުގައި އޮއްވާ ދިވެހިބަހަށް އިތުރު ލޮޅުމެއްއައީ ދުނިޔެ ސިއްސުވާލި 'ޗެޓް ޖީ.ޕީ.ޓީ' އެވެ. މިއައި ބޮޑޫލޮޅުމުގެ ސަބަބުން ދިވެހިބަސް އެދުވަސްވަރުޖަހާފައި ހުރީ އަނދިރި ވަޅުގަނޑަކަށެވެ. 'އޭ.އައި' ގެ ބާރުގައި ދުނިޔޭގެ އިންޓަނެޓްގެ ފަސްމަގު ބަދަލުވެ، އެއާނުލާ އެންމެ އާދައިގެ ކުޑަ ކަމެއްވެސް ކުރަންވަނީ އުނދަގުލަކަށްވެފައެވެ. އެއިން ނުވާކަށް ކަމެއްނެތެވެ. އޭ.އައިގެ އރހީގައި އެތައް ވަޒީފާތަކެއް ލުއިފަސޭހަ ކުރިއެވެ. މީގެ އިތުރުން ސުކޫލުދަރިވަރުންނަށް ޓެބްލެޓާއި އިންޓާނެޓް ފޯރުކޮށްދިން ކޮންމެ ކުއްޖެއްވެސް ދިޔައީ އެދިމާލަށެވެ. ބަސް ދިރުއްވުން މަޖުބޫރުކުރުވުމަކީ ހަމައެކަނި ހައްލުކަމަށްދާވަރަށް ދިވެހިބަސްވަނީ ވެއްޓިފައެވެ.
މިގޮތުގައި ދުވަސްތައް ދަމުންދަނިކޮށް ފެނުނީ އުފާވެރި މަންޒަރެކެވެ. ޕްރޮގްރާމާސްތަކެއް އިސްނަގައިގެން ކުރި މަސައްކަތުގެ ފޮނި މޭވާއެވެ. އެއީ ޖަވާބު އެކެޑާމީ ގެ ބޭފުޅުންތަކެއްގެ އުފެއްދުމެއް ކަމުގައިވާ 'ދިވެހި ޗެޓް ޖީ.ޕީ.ޓީ' އެވެ. އެއީހަމަ އެންމެ އެޕްލިކޭޝަނެކެވެ. ދިވެހިބަހުން ވުޖޫދުވި ހުރިހާ ލިޔުމެއްގެ އާރކައިވް ހުރަސްކުރާކަށް ދެންދުވަސް ތަކެއް ނުނަގާނެހާވަރުގެ ބޮޑު އިންޤިލާބެކެވެ. އެކި ޚަބަރުތަކުންނާއި ލިޔުންތަކުގެ އުނިކަން ފޮހެލުމަށްކުރަމުން އައި ހުވަފެންތަކަކީ މިއަދު އަތްފޯރާފަށުގައި އޮތް ޙަޤީގަތެކެވެ. ކުރިމަގުގައި ރާއިވަރައި، ޅެމާއި، މަދަހަވެސް ހިމަނަންބޭނުންވާބައިތައް ހިމަނައިގެން އުފެދޭނެ އެއްޗެކެވެ. އޭގައި ދިވެހި ތަރުޖަމާއިގެ އުނިކަންވެސް ކުރިމަގުގައި ނުހުންނާނެވެ.
އަދި ކުރިމަގުގައި ދިވެހީންގެ އެންމެ ބޮޑު އަދީބަކީ މަސްނޫޢީ ސިކުނޑީގައި އިންނަ ޕްރޮގްރާމަކަށްވެސްވާނެއެވެ.
އަދީބަކަށްވުމުގެ ފަޚުރު ހަމަކޮންމެ ކުއްޖަކަށްވެސް ހޯދިދާނެއެވެ. މިއީ ދެން އޮތް ޖީލުގެ އައްޑައެވެ.
ހަމަ އެއާއެކު ފާހަގަ ކޮށްލަންޖެހޭ އަނެއް ޙަޤީޤަތަކީ މިހާރަކަށް އައިސް ބައެއްނޫސްތަކުގައި ނޫސް އޯޑިއޯ ޕުލޭ ކުރެވެންވެސް ހުންނަކަމެވެ. ފަހަރުގައި ދިވެއްސަކު ކިޔާފަދައިން އަދި އަޑު ނީިވިދާނެއެވެ. އެކަމަކު އޭ.އައި ގެ އެންމެ ޚާއްސަ އެއްކަމަކީ އެއީއެވެ. އޭގެ ދަސްކުރުމުގެ ބާރެވެ. އޭއައި އެއަށް އިންފިއުޒް ކުރެވިފައި ނެތަސް ކުރިމަގުގައި އެއީވެސް ދުރުކަމެއް ނޫނެވެ.
"މިހެން ވެއްޖެނަމަ ދިވެހިބަސް ދަސްކުރުމުގެ މާނައެއް ނެތެއްނުހެއްޔެވެ؟" މިއީހަމަ އެންމެންގެވެސް އުފެދޭސުވާލެކެވެ. ފަސޭހަގޮތް ޚިޔާރުކުރެވެންޔާ އެއިން ފުއްދާލެވޭނެއްނުހެއްޔެވެ. އާނއެކެވެ. އެއީހަމަ މިއަދުގެ ދަރިވަރުންގެވެސް ހާލަތެވެ. ފަސޭހަގޮތެއް އޮއްވަ ހަމަ ލާހިކު އެދަސްކުރާކަށް ނޫޅޭނެއެވެ. އެއީ ހަމަ ގައިމުވެސް ކަންބޮޑުވާންޖެހޭ ވަރުގެ ސުވާލެކެވެ. އެކަމަކު ޙަޤީޤަތުގައި އަހަންޖެހޭ ސުވާލަކީ މިކުރިއރުން ނައިސްފިނަމަ ބަހުގެ ހާލަތަކީ ކޮބައިތޯއެވެ؟ ދިވެހިބަސް ބޭނުންކުރާ ބަޔަކު ކުރިމަގުގައި އައިސްދާނެހެއްޔެވެ. އޭ.އައި ދެކެ ބިރުގަތަސް އެއީ ބޮލާލާޖެހޭނެ ހަޤީގަތެއްވެސް ނޫނެވެ. ދިވެހި ޗެޓޤ ޖީ.ޕީ.ޓީ ގެ ސަބަބުން އެތައް ދިވެހި ވާހަކަތަކެއް އުފައްދާ، ބޭރުފޮތްތައް ތަރުޖަމާ ކޮށްލެވެއެވެ. ކަލްކިއުލޭޓާރ ހިސާބުވެރިންގެ ބޭނުމެއްވެސް ނުކެނޑެއެވެ. ތެދެކެވެ. ކުރިމަގުގައި އޭ.އައި އިންސާނުނެއް ރިޕްލޭސްއެއް ނުކުރާނެއެވެ. ނަމަވެސް އެބޭނުންކުރަން ދަންނަމީހުން އޭ.އައި ބޭނުންނުކުރާ މިހުން ރިޕްލޭސް ކުރާނެއެވެ.
ދިވެހިބަސް ގަލަމުން ލިޔެގެން ފިއްތަކަށް ފިއްތައިގެން ކާފުން ނިމެންޔާ އަލިފު ސުކުން، ށަވިޔަނިން ނިމެންޔާ ށަވިޔަނި ސުކުން ކިޔައިގެން ލިޔެއުޅުނު ޒަމާން މާޒީވެ ހިނގައްޖެއެވެ. މިއީ އޭ.އައި ގެ ޒަމާނެވެ. އެބަދަލު ހިތްރުހުނަސް ނުރުހުނަސް މިވަނީއައިސްފައެވެ. ބަދަލުއަންނާނެ މީހުން ބޭނުންވާތީކީ ނޫނެވެ. އެއީދުނިޔޭގެ ފިތުރަތެކެވެ. އެއިން ސަލާމަތްވާނީ އެބަދަލަށް ބަދަލުވާނެ އެއްޗެކެވެ.