ބުނެވޭ ގޮތުގައި، އަބުލް ބަރަކާތު ޔޫސުފުލްބަރުބަރީ ދިވެހިރާއްޖެ އައިސް، ރަންނަމާރިއޭ ކިޔާ ފުރޭތަ ބަލިކޮށްލި ހިސާބުން ފެށިގެން ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. ނަމަވެސް، މިހާރު އޭގެފަހުން 8 ސަތޭކައަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ދިވެހިރާއްޖޭގެ ދިވެހި އާބާދީއަކީ ހުސް މުސްލިމުންނޭ ބުނެވޭނެ ކަމާމެދުގައި ޝައްކުއުފެދެން ފަށައިފިއެވެ. އެއީ ދިވެހިންގެ ތެރެއިން ފެންނަމުން މިދާ ނާތަހުޒީބީ ޢަމަލުތަކާއި، ލާދީނީ ކަންކަމުގެ ސަބަބުންނެވެ. މިހާރު ދިވެހިރާއްޖޭގައި އިސްލާމްދީނާ ޚިލާފަށް އުޅޭ ބައިވަރު މީހުން އެބައުޅެއެވެ. މުސްލިމުންނަށް ބޭއަދަބީ ބަސްތައް ރައްދުކޮށް، އެފަދަ ވާހަކަތައް ދައްކާ ޕޭޖުތައް ހަދައިގެން އުޅޭ މީހުންވެސް އެބައުޅެއެވެ. އެހެންވީމާ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ބުނެވޭނެ ހެއްޔެވެ؟
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ނުބެލެވޭ ސަބަބުތަކަށް ދިއުމުގެ ކުރިން، ކުޑަ މައުލޫމާތުކޮޅެއް ހިއްސާ ކޮށްލާނަމެވެ.
ދިވެހިރާއްޖޭގެ އާބާދީ ހަތަރުލައްކައާ ގާތްކުރެއެވެ. އެހެންވީމާ، ސަތޭކަ އިންސައްތައިން ބަލާނަމަ ކޮންމެ އިންސައްތައަކަށް ހަތަރުހާހެއްހާ މީހުން އެބަވެއެވެ. މިކަމުން އަހަރެމެނަށް އެނގެނީ، ދިވެހި މުސްލިމް އާބާދީ ސަތޭކަ އިންސައްތައިން ނުވަދިހަނުވަ އިންސައްތައަށް ވެއްޓޭނަމަ، ހަތަރުހާހެއްހާ މީހުން ކާފިރުވާންޖެހޭނެކަމެވެ. ނަމަވެސް މިމީހުންނަކީ ކާފިރުންނޭ އަހަރެމެނަށް އަނގަބަހުންނެއް ނުބުނެވޭނެއެވެ. އަދި މީހަކު އަމިއްލައަށް ތިމަންނާއަކީ ކާފަރެކޭ ބުންޏަކަސް އަހަރެމެނަކަށް އޭނައަކީ ކާފަރެއްކަމަށް ކަނޑައެއްނޭޅޭނެއެވެ. އެހެނީ އެއީ ލިޔުމެއްގައި އޮންނައެއްޗެކެވެ. ދިވެހިރާއްޖޭގައި އުޅެނީ ހުސް މުސްލިމުން ކަމަށް ލިޔުމެއްގައި އޮންނަނީ ލިޔެފައެވެ. އެހެންވީމާ، މީހަކު އެ ލިސްޓުން އުނިކުރެވޭނީވެސް ލިޔުމެއް ބޭނުންކޮށްގެނެވެ. ދިވެހިރާއްޖޭގެ ކޯރޓުތަކުގައި އެ މައްސަލަކަށް ބަލައި، ފާސްކޮށްގެންނެވެ. އެ މީހަކީ ކާފަރެއްކަމުގައި ރަޖިސްޓްރީ ކޮށްގެނެވެ.
މިގޮތަށް ކަންތައް ކުރެވޭނަމަ، ދިވެހިރާއްޖޭގައި އުޅޭ ޢައިރު މުސްލިމް ދިވެހިން ހޯދާފައި، އެމީހުން ކާފަރުކުރަންވީ ނޫންހެއްޔެވެ. އެހެނެއްކަމަކު، މިގޮތަށް ކަންތައްކުރިޔަސް، ދިވެހިރާއްޖެ ދެމިއޮންނާނީ ހަމަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައިއެވެ. އެހެނީ، ޤާނޫނުގައި އޮންނަގޮތުން، ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންނެވެ. މީހަކު ކާފަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފިނަމަ، އޭނާ ދިވެހިރައްޔިތަކަށް ނުވާނެއެވެ. އެހެންކަމުން، މިހުންތަކެއް ކާފިރު ކުރިޔަސް، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮންނާނެއެވެ.
މިހާހިސާބުން، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމުގައި ނުބެލެވޭ ސަބަބުތަކަށް ބަލައިލާނަމެވެ.
ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެއްނަމަ، މިސްކިތްތަކަށް އަރާ ފިރިހެނުންގެ އަދަދު މިހާ މަދެއްނުވާނެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ފަރުޟު ނަމާދުތަކުގައި މިސްކިތްތަކުން ފެންނަނީ ދިހަވަރަކަށް މީހުނެވެ. ވާރޭފޮދެއް ވެހިއްޖެނަމަ، މި ދިހައެއް ތިނަކަށް ބަދަލުވެއެވެ. އަޖައިބުކުރުވާ ކަމަކީ، ހުކުރުދުވަހު ހުކުރުނަމާދުގައި މިސްކިތްތައް ފުރި، ތޮއްޖެހުމެވެ. އަދި ހުކުރުދުވަހުގެ އެހެން ނަމާދުތަކަށް އަނެއްކާ ވެސް އެއްކަލަ ދިހަމީހުން މިސްކިތަށް އެރުމެވެ. މިއީ ރާއްޖެތެރޭ ރަށްތަށުގެ ހާލަތެވެ. ގިނަ ފިރިހެނުންނަށް މިސްކިތް ފެންނަނީ ހުކުރުނަމާދު ވަގުތު އެކަންޏެވެ. އެހެންކަމުން، ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެކޭ ބުނެވިދާނެ ބާއެވެ؟
ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެއްނަމަ، ދިވެހިން އައުރަ ނިވާކުރާނެއެވެ. މިހާރު ފެންނަނީ، ގިނަ ފިރިހެނުން، ކަކޫ ނުފޮރުވޭވަރުގެ ސޯޓުލައިގެން އުޅޭ މަންޒަރެވެ. ގިނަ އަންހެނުން، ގަޔަށް ބާރު، ހަށިގަނޑުގެ ވަނާތައް ފާޅުވާ ފަދަ ހެދުން ލައިގެން އުޅޭ މަންޒަރެވެ. މީގެ އިތުރުން، ދެއްކުން ތެރިކަމުގެ ގޮތުން އެކަކަށް ވުރެ ރީތި ހެދުމެއް އަނެކަކު ލައިއުޅޭ މަންޒަރެވެ. މިއީ ހައްތަހާވެސް އިސްލާމްދީނުގެ ހެދުންއެޅުމުގެ އަދަބުތަކާ ޚިލާފު ކަންކަމެވެ. އަޅުގަނޑަށް ފާހަގަވި އަނެއްކަމަކީ، ވަރަށް ގިނަ ދިވެހި ސްކޫލްތަކުގެ ޔުނީފޯމް، ޚާއްސަކޮށް އަންހެން ދަރިވަރުންގެ ޔުނިފޯމް އިސްލާމީ މިންގަނޑަށް ނުފެތޭ ކަމެވެ. އެހެންކަމުން، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ބުނެވޭނެކަމާމެދު ޝައްކެވެ.
ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެއްނަމަ، އިސްލާމީ ވާހަކަތައް ދައްކާ މީހުނަށް ތަރުހީބު ލިބޭނެއެވެ. މިއަދު މިފެންނަނީ މިއާ ޚިލާފު މަންޒަރެކެވެ. މީހަކު ދީންވެރިވެ، ދީނީ ވާހަކައެއް ދައްކާލައިފިނަމަ އެމީހަކީ ދީނުގައި ހައްދުފަހަނައަޅާފައިވާ މީހެކޭ ބުނެއެވެ. ދިނީދަރުސް ދީ، ދީން ފަތުރަން މަސައްކަތް ކުރާ ދީނީ ޢިލްމުވެރިންނަށް ރައްދުދީ، ފާޑުކިޔައެވެ. ދީނީ ޢިލްމުވެރިންގެ ގާތުން ދީނީ މައުލޫމާތު ހޯދުމުގެ ބަދަލުގައި، ބައެއް މީހުން އެ މައުލޫމާތު ލިބިގަންނަނީ ތާކުންތާކުން ނުޖެހޭ ޙަޤިޤަތާ ޚިލާފަށް ވާހަކަ ދައްކާ މީހުންގެ ގާތުންނެވެ. މީގެ އިތުރުން، ދީނުގެ ޙުކުމްތަކުގައި ހިފައި، ދިނާއެއްގޮތަށް އުޅޭ މަދު މީހުންކޮޅަކީ ކަޓުބައެއް ކަމުގައި ދެކެއެވެ. އެހެންކަމުން، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ބުނެވޭނެ ހެއްޔެވެ؟
ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެއްނަމަ، ސްކޫލްތަކުގައި ކަންތައް ހުންނާނީ މިހެނެއް ނޫނެވެ. ކުރިންވެސް އަޅުގަނޑު ފާހަގަކޮށްލިގޮތަށް، ސްކޫލްތަކުގެ ޔުނީފޯމް، އިސްލާމީ މިންގަނޑަކަށް ނުފެތެއެވެ. މީގެ އިތުރުން، މިޔުޒިކަކީ ޞާރީޙަކޮށް ޙަރާމް އެއްޗެއްކަން ރަސޫލާގެ ޙަދީޘް ބަސްފުޅުން އެނގެން އޮތް އިރުވެސް، ވަރަށް ގިނަ ސްކޫލްތަކުގައި ކޮންމެ އެސެމްބްލީއެއްގައި ސްކޫލް ލަވަ އޭ ކިޔާފައި ލަވައެއް ޖަހައެވެ. އަދި ޤައުމީ ސަލާމް ވެސް ޖަހައެވެ. ޤައުމީ ސަލާމްއެއީ ޙަރާމް އެއްޗެއް ކަމާމެދު ޚިލާފުވުންތަކެއް އުފެދިފައި ވީނަމަވެސް، އޭގައިވެސް މިޔުޒިކު އެކުލެވެއެވެ. ބުއްދި ސަލާމަތުން ހުރި މުސްލިމަކަށް ވިއްޔާ، މިޔުޒިކަކީ ޙަރާމް އެއްޗެއްކަން އެނގޭނެއެވެ. ގިނަ ޢިލްމުވެރިން ވެސް ދެކެނީ އެގޮތަށެވެ. މީގެ އިތުރުން، ގިނަ ސްކޫލްތަކުގައި، ކިޔަވައިދެވެނީ، އަންހެންކުދިންނާއި ފިރިހެންކުދިން އެއް ކުލާސްރޫމެއްގައި ބައިތިއްބައިގެނެވެ. އަދި ގިނަ ސްކޫލްތަކުގެ ކިޔަވައިދިނުން އިންތިޒާމްކޮށްފައި ހުންނަނީ ނަމާދު ގަޑިތަކަށް ވަންނަގޮތަށެވެ. ނަތީޖާއަކީ، ނަމާދުތައް އޭގެ ވަގުތުގައި ނުކުރެވުމެވެ. އެހެންކަމުން، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ނުބުނެވޭނެ ނޫންހެއްޔެވެ؟
ދިވެހިރާއްޖެއަކީ ހަމަ ޙަޤީޤަތުގައިވެސް ސައްތައިން ސައްތަ މުސްލިމް ޤައުމެއް ހެއްޔެވެ؟ މިހެން ބުނެވޭނެކަމާމެދު ޝައްކެވެ. ސަބަބަކީ، މިސްކިތްތަކަށް އަރާ ފިރިހެނުންގެ އަދަދު މަދުވީމައެވެ. އަދި އައުރަ ނިވާކުރާ މީހުންވެސް މަދުވީމައެވެ. މީގެއިތުރުން، އިސްލާމްދީނާ އެއްގޮތަށް އުޅޭ މީހުންނަށް ފާޑުކިޔުންތައް ރައްދުކުރާތިއެވެ. އަދި ސްކޫލްތަކުގައި އިސްލާމްދީނާ ޚިލާފަށް ކަންކަން އިންތިޒާމް ކޮށްފައި ހުންނާތީއެވެ. މިކަންތައް މިހެން ހުރިއިރު، ދިވެހިރާއްޖޭގައި އުޅޭ ކާފިރުން ހޯދާ ކާފަރުކުރަންވީ ނޫންހެއްޔެވެ؟ ނަމަވެސް މިހެން ކަންތައް ކުރެވޭކަށް ނެތެވެ! ސަބަބަކީ، އެގޮތައް ކަންތައްކޮށް ދިވެހިރާއްޖޭގެ 100% މުސްލިމުޤައުމެއް ނޫންކަން ލިޔުމަކުން ފެންނަ ދުވަހަކީ ބޭރުގެ މީހުންގެ ނުފޫޒު ފޯރުވަން ފަށާނެދުވަހެވެ. އެމީހުން އެއްކަލަ މަދު މީހުންގެ ޙައްޤުގައި ވަކާލާތުކުރާކަމަށް ބުނެ ވާހަކަދައްކަން ފަށާނެއެވެ. އަދި އެމީހުން އެދައްކާ ވާހަކައިގައި އޭރުން ޤާނޫނީ ބާރެއްވެސް އޮންނާނެއެވެ. އެހެނީ 1% މީހުންކާފަރުން ކަމުގައި ރާއްޖެއިން އިއުލާނުކުރިއަސް އެމީހުނަށް އެތަންކޮޅުގައި ހިފައިގެން ދެމޭނެއެވެ. އޭރުން އެމީހުންގެ ޙައްޤުތައް ވެސް އެމީހުނަށް ދެވެން ޖެހޭނެއެވެ. ކުރިސްޓިއަނުންނަށް ޗާރޗުތައް އަޅާއިދޭން ޖެހޭނެއެވެ. ބުދިސްޓުންނަށް ބުދު ފައްޅިތައް އަޅައިދޭން ޖެހޭނެއެވެ. ދެންވެސް މިގޮތަށް އަންނަން އޮތް ދީނަކަށް އެ ދީނުގެ ޙައްޤުތައް ލިބިދޭންޖެހޭނެއެވެ.