އޭ ލެވަލް މަޖުބޫރު ކުރުމާމެދު އަޅުގަނޑުގެ ބަސް

Izhaan Abdul Matheen
އިޒްޙާން ޢަބްދުލްމަތީން
4 މަސް ކުރިން
0 މިނިޓް

މިފަހަކުން، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަ ވާހަކައިގެ އަޑުތައް އިވެންފަށައިފިއެވެ. އޭގެތެރެއިން، މީހުންގެ ސަމާލުކަން އެންމެބޮޑަށް ދަމައިގަތް ވާހަކައަކީ އޭ ލެވަލް މަޖުބޫރު ކުރާ ވާހަކައެވެ. މިކަމާމެދު އެކި މީހުންގެ ޚިޔާލު ތަފާތެވެ. އެއްބައިމީހުން އެއީ ވަރަށް ރަނގަޅު ކަމެކޭ ބުނާއިރު، އަނެއްބައިމީހުން ބުނާގޮތުގައި އެއީ ހަމަ ބޭކާރު ކަމެކެވެ. އަޅުގަނޑު ދެކޭގޮތުގައި، އޭ ލެވަލް މަޖުބޫރުކުރުމަކީ ފައިދާވެސް އަދި ގެއްލުންވެސް ލިބޭނެ ކަމެކެވެ.

އޭ ލެވަލް ހެދުމުން ރަނގަޅު ވަޒީފާއެއް ހޯދަން ފަސޭހަވާނެއެވެ. އޯ ލެވަލް ނިންމުމަށްފަހު ގިނަދަރިވަރުން ބޭނުންވަނީ މަތީ ތަޢުލީމް ޙާޞިލްކުރާށެވެ. އަދި އެ ދަރިވަރުންގެ ތެރެއިން މެޖޯރިޓީ ކުދިން ބޭނުންވަނީ އަމިއްލަ ލާރިން ޚަރަދުކޮށްގެން މަތީ ތަޢުލީމް ޙާޞިލްކުރާށެވެ. މި ލާރި ހޯދުމަށްޓަކައި އެކުދިން ކުރާ ކަމަކީ ވަގުތީ ވަޒީފާތައް އަދާކުރުމެވެ. ނަމަވެސް، ހަމައެކަނި އޯ ލެވަލްއާ ހަމައަށް ކިޔަވާފައި ހުރުމުން، މާ ބޮޑު މުސާރައެއް ނުލިބެއެވެ. ލިބެނީ ގާތްގަނޑަކަށް 4000 އާއި 6000 ރުފިޔާއެވެ. އެހެނަސް، އޭ ލެވަލް ހެދުމަށްފަހު އެކުދިން މިގޮތަށް ކަންތައް ކުރާނަމަ، މާ ކާމިޔާބުވާނެއެވެ. އެހެނީ، އޭ ލެވަލް ހެދުމުން، ވަގުތީ ވަޒީފާ ވިޔަސް، މާ ރަނގަޅު ވަޒީފާތައް ލިބޭނެއެވެ. އަދި މުސާރަވެސް ގާތްގަނޑަކަށް 7000 އާއި 10000 އާ ގާތްކުރާ ޢަދަދަކަށް ލިބޭނެއެވެ. އެހެންކަމުން، އަޅުގަނޑު ދެކޭގޮތުގައި ރަނގަޅު ވަޒީފާއެއް ހޯދަން ފަސޭހަވުމީ އޭލެވަލް މަޖުބޫރު ކުރުމުން ލިބޭ ފައިދާއެކެވެ. 

އޭ ލެވަލް ހެދުމުން މަތީ ތަޢުލީމް ޙާޞިލްކުރާއިރު ލުއިކަމެއް ލިބެއެވެ. އެހެނީ، އޯ ލެވަލް ހަދާފައި ކޮލެޖު ނުވަތަ ޔުނިވާރސިޓީ ކޯހަކަށް ވަދެއްޖެނަމަ، ފަށަން ޖެހޭނީ ޢާންމުކޮށް ފައުންޑޭޝަންއާ ހަމައިންނެވެ. ނަމަވެސް، އޭ ލެވަލް ހަދާފައި އެ ކޯހަށް ވަނުމުން ގިނަފަހަރަށް ޑިޕްލޮމާއިން ފެށޭނެއެވެ. އޭރުން އެ ދަރިވަރުން މާ ބޮޑަށް ބޯ ގާނަންނުޖެހި އަވަސް ރަޙުމަތެއްގައި މަތީ ތަޢުލީމް ނިންމާލެވޭނެއެވެ. އެހެންކަމުން، މަތީ ތަޢުލީމް ހަދާއިރު ލުއިކަމެއް ލިބުމަކީ އޭ ލެވަލް މަޖުބޫރު ކުރުމުން ލިބޭ ފައިދާއެއް ކަމަށް އަޅުގަނޑުދެކެމެވެ. 

އޭ ލެވަލް މަޖުބޫރު ކުރުމަކީ މުޅިއަކުން ފައިދާހުރި ކަމެއް ނޫނެވެ. އޭ ލެވަލް މަޖުބޫރު ކުރުމުން ގެއްލުންތަކެއްވެސް ލިބެއެވެ. އެގޮތުން، އޭ ލެވަލް މަޖުބޫރު ކުރުމުން އޯ ލެވަލް ނިންމާގޮތަށް އާމްދަނީއެއް ހޯދޭފަދަ މަސައްކަތެއް ކުރަން ބޭނުންވެފައި ތިބި ކުދިންނަށް ގޮންޖެހުންތައް ކުރިމަތިވެއެވެ. އެހެނީ، ހުރިހާ ކުދިންނަކީ ތަޢުލީމީ ގޮތުން އެންމެ ތޫނުފިލި ކުދިންނެއް ނޫނެވެ. އެއްބައި ކުދިންނަކީ 'އެކަޑެމިކަލީ' ކުރިއަރައިދާން ކިތެންމެ ވަރަކަށް މަސައްކަތް ކުރިއަސް ކާމިޔާބީ ލިބުން އެހެން ކުދިންނާއި އަޅާބަލާއިރު ދުރު ކުދިންނެވެ. އެކުދިންނަށް ކާމިޔާބު ހޯދޭނީ ގިނަފަހަރަށް އަތްތެރިކަމުގެ މަސައްކަތްތަކުންނެވެ. އެ މަސައްކަތަކީ ކެއްކުން ކަމަށްވެދާނެއެވެ. ސިމެންތިޖެހުން ނުވަތަ ގާއެޅުމަށް ވެދާނެއެވެ. ހެދުން ފެހުމަށް ނުވަތަ ކޭކު އެޅުމަށް ވެދާނެއެވެ. އެކުދިންނަށް މިފަދަ މަސައްކަތްތައް ކޮށްގެން ވަރަށް ގިނަ ނަފާ ހޯދޭނެއެވެ. އެހެންވިމާ އެކުދިން އޭ ލެވަލް ހެދިޔަސް އެއިން އެކުދިންނަށް މާ ބޮޑު ފައިދާއެއް ނުކުރާނެއެވެ. ބޭކާރުވެގެން ދާނީ ދުވަސްތަކެކެވެ. އެހެންކަމުން، އޯ ލެވަލް ނިންމައި ގޮތަށް އާމްދަނީ ހޯދާން ނިންމައިގެން ތިބި ކުދިންނަށް ގެއްލުން ލިބޭތީ، އޭ ލެވަލް މަޖުބޫރު ކުރުމަކީ ގެއްލުން ލިބޭ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. 

މިފަދަ 'ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ނަޒަރުން މިންކުރާ އިރު' ތޫނުފިލި ނޫން ކުދިންނަށް އޭލެވަލް މަޖުބޫރު ކުރުމުން ވަރަށް ބޮޑެތޮ ގެއްލުންތައް ލިބޭނެއެވެ. އެހެނީ، ދިގު ދިހަ އަހަރުދުވަސް ވަންދެން އޯ ލެވަލްއަށް ތައްޔާރުވަމުން ދިޔައިރު، އެކުދިންނަށް މާ ބޮޑު ކާމިޔާބީތަކެއް ތަޢުލީމީގޮތުން ލިބިފައިނުވާއިރު، އޯ ލެވަލް ނިންމުން ވެގެންދަނީ އެކުދިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ނަމަވެސް އޭ ލެވަލް މަޖުބޫރުކުރުމުން، އެކުދިން އަނެއްކާވެސް ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވަދެގެން ދާނެއެވެ. އޯ ލެވަލް އެކުދިންނަށް އެހާ ބުރަކަމަކަށް ވީއިރު، އޭ ލެވަލް އަދި ކިހާ ބުރަވާނެހެއްޔެވެ؟ އެކުދިން ދިރިއުޅުން މަތިން ފޫހިވެ، ކިޔެވުން މަތިން ވެސް އިންތިހާއަށް ފޫހިވާނެއެވެ. އެކުދިން އެއްވެސް ކަމެއް ކުރާހިތްނުވެ، ކަންނެތްވާނެއެވެ. އެހެންކަމުން، 'ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ނަޒަރުން މިންކުރާ އިރު' ތޫނުފިލިނޫން ކުދިންނަށް، މިފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭތީ، އޭ ލެވަލް މަޖުބޫރުކުރުމަކީ އެހާ ރަނގަޅުކަމެއް ނޫންމަކަށް އަޅުގަނޑު ދެކެމެވެ. 

އޭ ލެވަލް މަޖުބޫރު ކުރުމުން އަޅުގަނޑު ދެކޭ ގޮތުގައި ފައިދާވެސް އަދި ގެއްލުން ވެސް ލިބެއެވެ. އެހެނީ، އޭ ލެވަލް މަޖުބޫރު ކުރުމުން ރަނގަޅު ވަޒީފާއެއް ހޯދަން ފަސޭހަވެގެން ދާނެއެވެ. އަދި މަތީ ތަޢުލީމް ހަދާއިރު ލުއިކަމެއް ލިބޭނެއެވެ. ނަމަވެސް އޭ ލެވަލް މަޖުބޫރު ކުރުމުން އޯ ލެވަލް ނިންމާގޮތަށް އާމްދަނީ ހޯދަން ބޭނުންވެފައި ތިބި ކުދިންނަށް ގޮންޖެހުންތައް ދިމާވާނެއެވެ. އަދި ތޫނުފިލި ނޫން ކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެއެވެ. އެހެންވީމާ، އޭ ލެވަލް މަޖުބޫރު ކުރުމާމެދު އަހަރެމެން އަދި ތަންކޮޅެއް ފުންކޮށް ވިސްނާލަން ޖެހެއެވެ. އޭ ލެވަލް އަކީ ހުރިހާ ކުދިންގެ ދިރިއުޅުމަށް އުޖާލަކަން ގެނެސްދޭން އޮތް ވަޞީލަތެއް ނޫނެވެ. 

Copyright © 2025 Sofha News
Made with by Afeef & Noor