ހުޅުދުއްފާރު ސުކޫލުގެ 'ހޫނު ސައްލާ' ބަހުސްގެ އެއްވަނަ ޓީމަކީ ޤުރޭޑު 11. އެންމެ މޮޅު ބަހުސްކުރުންތެރިޔާކަން އަލްސައު ޢަބުދުﷲ އަށް'

ހުޅުދުއްފަރު ސުކޫލުގެ އައި ޓީ އެންޑ މީޑިއާރ ކުލަބުގެ ފަރާތުން ޢަލީ އަތޫފު ނަގާފައިވާ ފޮޓޮއެއް
Fathimath Samaa
ފާތިމަތު ސަމާ
4 މަސް ކުރިން
0 މިނިޓް

(ނޯޓު: 'ހޫނު ސައްލާ' ބާއްވާފައިވަނީ ނިމިދިޔަ 'އެކަޑެމިކު އިޔާ' ގައެވެ. އެކަމަކު، ދިމާވި ދަތިތަކަކާއިހުރެ އޭގެ އިނާމް ދިނުން ބޭއްވިފައިވަނީ މިއަދު ބޭއްވުނު އެކަޑެމިކު ސެމިސްޓަރ ގެ ރިޕޯޓުފޮތް ދިނުމުގެ ޖަލްސާގައެވެ. ވުމާއެކު މޮޅުވި ޓީމާއި ޤުރޭޑަކީ މިދިޔަ އަހަރު އެކުދިންތިބި ޤުރޭޑާއި ޓީމެވެ. މިސާލަކަށް، ނައިފާ ޢަބުދުﷲ އަކީ 'ހޫނު ސައްލާ' ބަހުސްގައި ޤުރޭޑު 11 ގެ ގޮތުގައި މި ލިޔުމުގައި ލިޔެފައިވިޔަސް، މިއަހަރު ނައިފާ ޢަބުދުﷲ ކިޔަވަމުން ދަނީ ޤުރޭޑޫ 12 ގައެވެ.)

'ހޫނު ސައްލާ' ބަހުސް މުބާރާތަކީ އެރަށު ސުކޫލުގެ ލޭންހުވޭޖު ކުލަބާއި ގުޅިގެން ގެންދެވުނު ހަރަކާތެކެވެ. މި މުބާރާތަކީ 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދަން ގަސްތުކޮށްގެން ފެށި އިންޓަރ ކުލާސް ބަހުސް މުބާރާތެކެވެ. އެހެންނަމަވެސް، މި އަހަރުގެ 'އެކަޑެމިކު ކަލަންޑަރ' އަދި 'އެކުޓިވިޓީސް ކަލަންޑަރ' ގެ ތާށިކަމަށް ބަލާ މި މުބާރާތް ބާއްވަން ފުރުސަތު ލިބިފައެއް ނުވެއެވެ.

މި މުބާރާތުގައި ޖަޖުކަން ކޮށްދެއްވާފައިވަނީ ޤާއިމް ޔޫސުފު އާދަމް، ހުސައިން އަފީފު، ނަޙުލާ ޢަބުދުއް ރަޙްމާން އަދި ފާތިމަތު ޖީޒާއެވެ. މި މުބާރާތް ގެންދެވުނީ ލޭންގުވޭޖު ކުލަބުގެ ޓީޗަރ އިންޗާރޖ ޢަބުދުﷲ ޝަހީދު ޝަރ އަދި ކުލަބުގެ ސުޓޫޑެންޓ އިންޗަރޖ ޢާއިޝަތު ރަފާގެ އެހީތެރިކަމާއެކުގައެވެ. 

މި މުބާރާތުގައި އެންމެ ފަހު ފަހަރު 8 ޓީމަކުން ބައިވެރިވެފައިވެއެވެ. މިއީ މިސުކޫލުގެ ތާރީޚުގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވި ބަހުސް މުބާރާތެވެ. އެއީ ޓިމެއްގައި ފުރަތަމަ 5 އެއްގެ އިތުރުން ބެންޗު ބައެއް ދަރިވަރުން ލައިގެން ގާތްގަނޑަކަށް 49 ދަރިވަރުންނެވެ. ޤުރޭޑު 8 ކުން މައްޗަށް ހުޅުވާލި މުބާރާތަކަށްވާއިރު، މި މުބާރާތުގައި ޤުރޭޑޫ 8 ކުން މަތީގެ ހުރިހާ ދަރިވަރުންގެ ނިސްބަތުންނަމަ 35% ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިކަމުން އަންގައިދެނީ އެކުދިންގެ ހިތުގައި މިކަމަށް އޮތް ލޯތްބެވެ. 

މިދިޔަ މުބާރާތުގެ އެންމެ މޮޅު ފަސް ދަރިވަރުންނަށް ހޮވިފައި ވަނީ 

1.    މަރިޔަމް އަލްސައު ޢަބުދުﷲ އެވެ. 

2.    ނާއިފާ ޢަބުދުﷲ 

3.    އައިޝަތު ސަރާ

4.    މުޙައްމަދު ޒާހިލް 

5.    މާޒު އާދަމް ޒާހިދު 

މި މުބާރާތާއި ބެހޭގޮތުން މުބާރާތް އިސްކޮށް ރާވާ ހިންގި އެސުކޫލުގެ އިނގިރޭސި ކިޔަވައިދެއްވާ ޓީޗަރ ޢަލީ ރަޝީދު ޞަފުޙާ ނިއުސްއަށް ވަނީ ބަސްދީގަތުމެއް ދެއްވާފައެވެ.

"އަބަދުވެސް އިވޭ ކުރީގެ ހުރި ހުނަރެއް މިހާރަކު ނުހުރޭ ބުނާ އަޑު. އެއީ އަޅުގަނޑުވެސް ފުރަތަމަ ހިތަށް އެރިގޮތް. އެކަމަކު 2023 ވަނަ އަހަރު އަލަށް މި މުބާރާތް ބޭއްވުުމުން އިނގުނު އަސްލު އެ 'ޕޮޓެންސިއަލް' ހުރިކަން. އެކަމަކު އެންމެ ފަހުގެ މުބާރާތުގެ ބަހުސްތައް އަޑު އިވުނީމާ މިހާރު ވިސްނުން ބަދަލުވެއްޖެ. އަޅުގަނޑު ނުބުނާނަން އޭރުގެ ޓެލެންޓު މިހާރަށް ވުރެ ރަނގަޅޭ. އެއީ އެއްކަލަ ކުރީގެ ލަވަތައް ރީއްޗޭ މީހުން ބުނާކަހަލަ ބުނުމެއް. އެއީ މިއަދުވެސް 'އެވަރ ގުރީން' ވެގެން ޖަހަނީ އޭރުގެ މަދު ލަވައެއް. އެންމެންވެސް އެހަނދާން މިހުންނަނީ. ދެން މިބުނަނީ އޭރުގެ ލަވަތައް ރިއްޗޭ. އެކަމަކު އޭރުވެސް ހާހުން ހާހުން ލަވަ ކީ. ކޮބާ އެވާހަކަ؟ ކޮބާ ތާކުންތާކު ނުޖެހުނު ކޮސް ލަވަތައް؟ ހަމަ އެކަހަލަ ކަމެއް މީ. އޭރުގެ މޮޅު ކުދިންނޭ ކިޔާފަ ފަސް ހަ ދަރިވަރުން ސިކުނޑީގައި ހަރުލާފަ މިހުންނަނީ. ދެން އެ ދަރިވަރުންގެ ނަން ބުނާއިރު އެއީ އެކި އަހަރުގެ އެކި ފަސް މީހުން. އަޅުގަނޑަށް މިއަދު ޔަޤީންކަން ދޭންކެރޭނެ ކުރީގެ އެއްވެސް ބެޗަކުން އެއް މުބާރާތަކަށް  އެވަރުގެ 40 ދަރިވަރުން އެއްފަހަރާ ނުނެރެވޭނެ. 

އަޅުގަނޑު ކުދިންގެ ނަންގޮވަން ޕޯޑިއަމްގެ ފަހަތުގައި ހުއްޓާ ދެކުނިން ދަރިވަރަކު ބަހުސްކުރިއިރު ޕޯޑިއަމްގައި އަތުން ހިފަހައްޓައިގެން ހުރިތަން. އޭރު އަޅުގަނޑަށް ސާފުކޮށް ފެނޭ އޭނާގެ އަތް ތުރުތުރު އަޅާތަން. އެވަރުންވެސް އޭނާ ފުރިހަމަ ބަހުސްއެއް ކޮށްފައި ދިޔައީ. އެލޯބި އެބައޮތް. އެހިތްވަރު އެބަހުރި. އެ ކުޅަދާނަކަން އެބަހުރި. މިއަދު އެކޭޕަބިލިޓީ ހުރިކަން އެކުދިން ދައްކާލައިފި. އެ ދެން ޖެހޭނީ ދިރުވަން. މުޙައްމަދު ތަކުރުފާނު ވިދާޅުވިހެން މީހުން މީހުނަށް ވާނީ މީހުން މީހުނަށް ހެދީމަ. އެކަމަކު އެކަން ކުރުމުގައި ދަތިތަކެއް އެބަ ހުރި ކިތަންމެ ހާވެސް"

މި މުބާރާތުގެ ފައިނަލުގައި ބައިވެރި ވެފައިވަނީ ގުރޭޑު 8 އެއްގެ ޓީމް ބީ އާއި ޤުރޭޑު 11 ގެ ޓިމް އޭ. މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ޤުރޭޑު 11 ގެ ދަރިވަރުންނެވެ. 

މި މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާ ކަމުގައިވާ މަރިޔަމް އަލްސައު ޢަބުދުﷲ އާ ސުވާލު ކޮށްލުމުން ބުނީ 

' އަޅުގަނޑު ދެކޭ ގޮތުގައި ސްކޫލް ދައުރުގައި ދަރިވަރުންނަށް މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމަކީ ނުހަނު މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް. މިބަހުސްގެ ޒަރީޢާއިން އަޅުގަނޑަށް ތަފާތު އެތައް ހުނަރުތަކެއް ދަސްވެގެން ދިޔަ. މީގެތެރޭގައި ގިނަ ދަރިވަރުންތަކަކާއި ގުޅިގެން މަސައްކަތްކުރުމާއި ވާހަކަދެއްކުމުގެ ތަފާތު އުކުޅުތައް އެނގިގެން ދިއުމުގެ އިތުރަށް ދިވެހި އަދަބިއްޔާތާއި ގުޅޭ އެތަކެއް މަޢުލޫމާތުތަކެއް ލިބިގެން ދިޔަ. ބަވަނަވަމުން އަންނަ އަދުގެ ދުނިޔޭގައި ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނިކޮށް ވާހަކަ ދައްކާ މީހުން ދުވަހެއް ދުވަހަކައް އިތުރުވަމުން. ނަމަވެސް މިފަދަ އަދަބީ ހަރަކާތެއްގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުވޭ. މާދަމާގެ މުޖުތަމަޢަށް ނުކުންނާނެ ޒުވާނުންނަކީ ސާފު ރީތި ދިވެހި ބަހުން މުޢާމަލާތްކުރާ، މަޢުލޫމާތު މުއްސަނދި، އަދި ފުޅާ ބަސްކޮށާރެއް ލިބިފައިވާ ބަޔަކަށް ވާނޭކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އެހެންކަމުން އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިބަސް ކުރިއެރުވުމަށް މިފަދަ ޙަރަކާތްތައް ރާވާ ހިންގުން. އަދި މިދާއިރާއިން ފުންނާބުއުސް ބޭފުޅުން ގެންނަވައި، މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުން.'

އަލްސައު ޢަބުދުﷲ މުބާރާތުގެ އެންމެ މޮޅު ދަރިވަރުކަން ކާމިޔާބުކުރުމަށް ސެމީ ފައިނަލުގައި ޤުރޭޑު 10 އެއް އެސް ގެ ޓީމާއި ކުރި ބަހުސްވަނީ ޖަޖުންގެ އިތުރުން ވަރަށް ގިނަ އަޑުއެހުންތެރިންގެ ސަމާލުކަން ހޯދާފައެވެ. މުބާރާތުގެ އެވުރެޖު އިންޑިވިޖުއަލް ސުކޯރ އެއްގެ ގޮތުގައި 100.26 ޕޮއިންޓު އޮތްއިރު، އަލްސައު ޢަބުދުﷲ 'އާރޓިފިޝަލް އިންޓަލިޖެންސުގެ ސަބަބުން ބޮޑަށް ކުރާނީ ފައިދާއެވެ' ބުނެ ކުރި ބަހުސްގައި 174 ޕޮއިންޓުހޯދައި މެޗުގެ ނަތީޖާވަނީ ބަދަލުކޮށްލާފައެވެ. އެމެޗު އަލްސައު މެން (ޤުރޭޑު 8 ޓީމް ބީ) ކާމިޔާބު ކޮށްފައިވަނީ އެންމެ ޕޮއިންޓެއްގެ ތަފާތުންކަން ވެސް ފާހަޤަކޮށްލަމެވެ.

'އެއީ ގަޑި ޖެއްސީއްސުރެ ގަޑި ހަމަވަންދެން، ގަނޑަށް އެންމެ ފަހަރަކުވެސް ނުބަލާ، އޯޑިއަންސަށް ބަލަމުން ފުލުފުލުގައި ހުސް މުގުރާ ޕޮއިންޓު ކިޔަނިކޮށް އަޅުގަނޑަށް މިސުކޫލުގެ ތާރީޚުގައިވެސް އަލަށް ފެނުނު ފަހަރު' 

އަލްސައު ޢަބުދުﷲ އެ ބަހުސްއަށް ކޮމެންޓުކުރަމުން ޖަޖަކު ބުނެފައިވެއެވެ.

އަދި މި މުބާރާތުގެ ފަޚުރުވެރި ދެ ވަނަ ހޯދި ނާއިފާ ޢަބުދުﷲ އާވެސް އަޅުގަނޑުމެން ވާނީ ސުވާލު ކޮށްލާފައެވެ. 

"އަސްލު ވަނަތައް ހަމަ  އެތަނާ އެތަނާ ނިންމާ ގޮތަށް ހަވާލުކުރަން ފެނޭ. އޭގެ އިތުރުން ބަހުސް މުބާރާތް ހަމަ ވަރަށް ސަޅި. އަކަމަކުވެސް ދެން ފަހަރަކުން އަޅުގަނޑަށް ފެންނަނީ، އެއް އުމުރެއްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މި ކަހަލަ މުބާރާތެއް ކުރިއަށް ގެންދަންޔާ ގެންދަން. މިސާލަކަށް ބަލަންޏާ ގުރޭޑު 8 ގައި ކިޔަވާ ދަރިވަރުންނާ އޭ ލެވެލް ކިޔަވާ ދަރިވަރުންނާ ބަހުސްކުރަން އެހާ އެކަށީގެންވާ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ. އިންޓަރ ސުކޫލުކޮން ކުރިޔަށް ގެންދަން ފެނޭ ދެން ކުރިޔަށް އޮތް ތަނުގަ. ސަރ ދެއްވި މަޢުލޫތަށް ވަރަށް ޝަޢުޤުވެރި. އެއީ، އަސްލު ކަމެއްގެ ދެކޮޅު ބަލައި ހޯދާ އެޔަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިގެން ދިޔައީމަ. ބަސްކޮށާރު މުއްސަނދިވެގެންވެސް ދިޔަ. ބަހުސް ކުރުމަކީ ވަރަށް ފައިދާ ހުރި ކަމެއް. އަދި ޢާއްމު ދިރިއުޅުމުގައިވެސް އަޅުގަނޑު ވަރަށް ކުރާ ހިތްވާ ކަމެއް، ކުޑަކޮން ނުރަސްމީ ގޮތެއްގައި ކަމުވިޔަސް."

ނާއިފާ ޢަބުދުﷲ އަކީ އެދަރިވަރަކު ކުރި ހުރިހާ ބަހުސްއެއްގައި 'ޑިބޭޓާރ އޮފް ދި މެޗް' ހޯދި ހަމައެކަނި ދަރިވަރެވެ. 

އެހެންކަމުން ނާއިފާ ޢަބުދުﷲ އަކީ ޤުރޭޑު 8 ބީ އާއި ދެކޮޅަށް ކުރި ފައިނަލް ބަހުސްގެވެސް އެންމެ މޮޅު ބަހުސްކުރުންތެރިޔާއެވެ. މީގެ އިތުރުން ނާއިފާ ވަނީ 2023 ގެ އޯލެވެލް ޓޮޕް 10 އިންވެސް ވަނައެއް ޙާޞިލުކޮށް ރަށް ފަޚުރުވެރިކޮށްދީފައެވެ. އޭރުވެސް އަދި މިހާރުވެސް ނާއިފާ ދައްކަމުން ދާ ޙަޤީޤަތަކީ އިތުރުހަރަކާތްތަކުގައި ބައިވެރި ވެގެން ނަތީޖާ ދަށެއް ނުވާނެކެމެވެ.

ނާއިފާގެ ޚިޔާލާއި އެއްގޮތަށް މިދިޔަ އަހަރުންސުރެ އެސުކޫލުގެ އެލަމްނައިގެ ބައެއް ދަރިވަރުން ގުޅިގެން ދަނީ އިންޓަރ ސުކޫލު މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގެ 'ޕުރޮސެސް' ގޮސްފައި އޮތްވަރާއި އެ މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު އެހެން ޚަަބަރެއްގައި ލިޔެވިފައިވާނެއެވެ.

Copyright © 2025 Sofha News
Made with by Afeef & Noor