"މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ޖަލްސާ 2024" ގައި ރ.ހުޅުދުއްފާރު ސްކޫލްގެ ހަތަރު ދަރިވަރުން އެވޯޑް ހާސިލްކޮށްފައިވެއެވެ.
2022-2023 ވަނަ އަހަރު ސާނަވީ ތައުލީމު ފުރިހަމަކޮށް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ޖަލްސާ ކުރިއަށް ގެންދެވިފައިވަނީ މިއަހަރުގެ ޖޫންމަހުގެ 21، 22 ވީ ހޮނިހިރު އަދި އާދީއްތަ ދުވަހުގެ އެކިއެކި ދަންފަޅިތަކަށް ބަހާލައިގެންނެވެ.
މި ޖަލްސާގައި ރ.ހުޅުދުއްފާރު ސްކޫލުން ސާނަވީ ތައުލީމު ހާސިލްކުރި ހަތަރު ދަރިވަރަކު މަތީ އަރުތަވެރިންގެ އެކިއެކި ގިންތިތަކުން ވަނީ އެވޯޑް ހާސިލްކޮށްފައެވެ. އެގޮތުން މަތީ އަރުތަވެރިންގެ 8 ވަނަ ގިންތީގައި އެވޯޑް ހާސިލްކުރި ނިހާލް އަޙްމަދު ނިޔާޒް އަދި ޢައިޝަތު ޝައުރާގެ އިތުރުން، 7 ވަނަ ގިންތީގައި ފަތިމަތު އަނާ ޢަބްދުﷲ އަދި 6 ވަނަ ގިންތީގައި ނާއިފާ ޢަބްދުﷲވެސް ވަނީ އެވޯޑް ހާސިލްކޮށްފައެވެ.
ހަމަމިއާއެކު ރ.ހުޅުދުއްފާރު ސްކޫލްގައި މިވަގުތު މަތީ ސާނަވީ ތައުލީމު ހާސިލްކުރަމުންދާ ތިން ދަރިވަރަކަށްވެސް މިޖަލްސާގައި އިނާމު ލިބިފައިވެއެވެ. މިގޮތުން މަތީ އަރުތަވެރިންގެ 10 ވަނަ ގިންތީގައި އެވޯޑް ހާސިލްކުރި މަރިޔަމް ހޫނާ އަދި 6 ވަނަ ގިންތީގައި އެވޯޑް ހާސިލްކުރި ފަހުދް މުޙައްމަދުގެ އިތުރުން 5 ވަނަ ގިންތީގައި މުޙައްމަދު ޔަނާލް އިލްޔާސް ވެސް ވަނީ އެވޯޑް ހާސިލްކޮށްފައެވެ. މި ތިން ދަރިވަރުންނަކީވެސް ސާނަވީ ތަޢުލީމު ރ.މާކުރަތު ސްކޫލުގައި ހާސިލްކޮށް، މިވަގުތު ރ.ހުޅުދުއްފާރު ސްކޫލުން މަތީ ސާނަވީ ތަޢުލީމު ކިޔަވަމުންދަ ދަރިވަރުންނެވެ.
ރ.ހުޅުދުއްފާރު ސްކޫލުން މަތީ އަރުތަވެރިންގެ އިނާމު ހާސިލްކުރި ހަތަރު ދަރިވަރުންގެ ތެރެއިން ދެދަރިވަރަކު މިހާރުވެސް ދަނީ މި ސްކޫލުން ތަޢުލީމު ހާސިލްކުރުމުގެ އިތުރަށް، ދަރިވަރުންގެ އިސްވާރުންގެ އިސްމަޤާމުތައް އަދާކުރަމުންނެވެ. އެގޮތުން ރ.ހުޅުދުއްފާރު ސްކޫލުގެ އޭ-ލެވެލް ވައިސް ކެޕްޓަންގެ މަޤާމު ނާއިފާ ޢަބްދުﷲ އަދާކުރަމުންދާއިރު، ސްކޫލް ކެޕްޓަންކަމުގެ މަޤާމު އަދާކުރަމުންދަނީ ޢައިޝަތު ޝައުރާއެވެ.
މިއީ މިހާތަނަށް ރ.ހުޅުދުއްފާރު ސްކޫލުގެ ތާރީޚުގައި "މަތީ އަރުތަވެރިންގެ އިނާމު" އެންމެ ގިނަ ދަރިވަރުން ހާސިލްކުރި އަހަރެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މިރަށް ފަޚުރުވެރި ކޮށްދެވޭނެފަދަ ގިނަ ވަނަތަކެއް ހޯދުމަކީ ހުޅުދުއްފާރު ސްކޫލްގެ އުއްމީދެވެ.