ދުނިޔޭގެ ހުރިހާ ސްކޫލްތަކެއްގައި ވެސް ކިޔަވައިދިނުމުގެ ޢާންމު މަޤްޞަދަކީ ވަކި އުޞޫލުތަކެއްގެ މައްޗަށް ނުވަތަ ވަކި ގޮތްތަކެއްގެ މައްޗަށް ބަޔަކުމީހުން ބައްޓަންކުރުމެވެ. ކުރުގޮތަކަށް ބުނާނަމަ، ސަރުކާރަށް މަސައްކަތް ކޮށްދޭނެ މީހުންތަކެއް އުފެއްދުމެވެ.
ކިޔަވާދަރިވަރުންގެ ޢާންމު މަގަކީ އޯ ލެވަލް ނިންމާފައި އޭ ލެވަލް، އޭ ލެވަލް ނިންމާފައި ޑިގްރީ، ޑިގްރީ ނިންމާފައި މާސްޓާސް، އަދި އެއަށްފަހު ވަޒީފާއަށް ދިއުމެވެ. މި މަގަގީ މިބުނާ، 'މޮޅެތި ދަރިވަރުން' ކުރިއަށް ހިނގާ މަގެވެ. ސްކޫލްގައި މާ ރަނގަޅަށް ނުކިޔަވައި، އޯ ލެވަލް އިމްތިޙާނުން ދަށް ނަތީޖާ ލިބޭ ކުދިން މި މަގު އިޚްތިޔާރެއް ނުކުރެއެވެ. ނަތީޖާއަކަށް ވަނީ ދިރިއުޅުމައިގެން އެކުދިންނަށް ފަސޭހައިން ކުރިއަށް ނުދެވުމެވެ. އަދި 'އެމްޕްލޯޔީ'އަކަށް ވުމުގެ ޚިޔާލެއް ނުހުރެއެވެ. އޭގެ ބަދަލުގައި އެކުދިން ގިނައިން އިޚްތިޔާރުކުރަނީ އަމިއްލަ ވިޔަފާރީއެވެ.
މި ފާހަގަކޮށްލި 'މަގުން' ކުރިއަށް ދާ ކުދިންނަށް ވަރަށް ފަސޭހައިން ކުރާ ކަމެއްގައި ދިމާވެދާނެ ގޮންޖެހުންތައް ދެނެގަނެވެއެވެ. އެހެންވެ، ކަންކަން ކުރަން ގިނަފަހަރަށް ޖެހިލުންވެއެވެ. ނަމަވެސް، އެ މަގުން ބޭރުން ދިރިއުޅުމައިގެން ކުރިއަށް ދާ ކުދިންނަށް އެ ގޮންޖެހުންތައް ދެނެނުގަނެވޭތީ، އެ ކުދިން އެއްވެސް ކަމެއް ފަށައިގަންނާކަށް ޖެހިލުމެއްނުވެއެވެ.
މިގޮތަށް ގޮންޖެހުންތަކާ ގާތްގަނޑަކަށް 100،000 މީހުން ކުރިމަތިލާނަމަ، އޭގެތެރެއިން 500 މީހުނަށް ކަމެއް ކާމިޔާބުކުރެވެއެވެ. މި 500 މީހުން ދެން މުޖުތަމަޢުގައި މަޝްހޫރުވެ، އެމީހުންގެ ނަންތައް ޢާންމުވާނެއެވެ. އެމީހުންގެ ބޮޑެތި އިންޓާރވިޔު ތައް ކުރާނެއެވެ. އަދި މިމީހުން ޕޯޑިއަމްތަކަށް އަރައި، އެމީހުންގެ މައްޗަށް ބޮޑެތި ފޮތްތައް ވެސް ލިޔެވިގެން ދާނެއެވެ. މިމީހުން ވެގެންދާނީ 'ސްކޫލުން ދަށް ނަތީޖާހޯދުމަށްފަހު ކާމިޔާބީއާ ހަމައަށް ވާޞިލްވިމީހުނަށެ'ވެ. އެހެނަސް، އެއްކަލަ 100،000 މީހުންގެ ތެރެއިން ކާމިޔާބުނުވި 95،000 މީހުންގެ ވާހަކަ ފޮރުވި ފަސްއެޅިފައި އޮންނާނެއެވެ.
މިކަމުގެ ހައްލަކީ ކޮބާ؟
ކުރުގޮތަކަށް ބުނާނަމަ، ސްކޫލްތަކުގައި ކިޔަވައިދިނުން ބައްޓަން ކޮށްފައި ހުންނަންޖެހޭނީ މިގޮތަށް ކަންތައްވިޔަ ނުދިނުމަށްޓަކައެވެ. ޙަޤީޤަތުގައި ސްކޫލްގެ ކިޔަވައިދިނުން ސްކޫލްގެ ހަތަރުފާރުގެ ބޭރަށް ނެރެން ޖެހެއެވެ. ކުދިންނަށް ތަފާތު ހުނަރުތައް ދަސްވާނެ ގޮތަށް ކިޔެވުން ބައްޓަންކުރަން ޖެހެއެވެ. އޭރުން އެކުދިންނަށް ތަފާތުކަންކަން ތަޖުރިބާކުރެވި، އެކުދިންނަށް ލިބިފައިވާ ހުނަރުތައް ޢަމަލީ ގޮތެއްގައި ބޭނުންކުރެވި، އެކުދިން ކުރިއަށް ދާންވީ މަގު ސާފުކޮށް ފެންނާނެއެވެ. އަދި ދިރިއުޅުމުގައި ބޭކާރު މީހަކަށްވެ، 'ލާޗާރު ބިޗާރު' ހެދިގެން އުޅުމުގެ ބަދަލުގައި، އެކުދިންނަކީ ވެސް މުޖުތަމަޢަށް ފައިދާހުރި، ތަހުޒީބު ރައްޔިތުންތަކަކަށް ވުމުގެ ފުރުޞަތު އިތުރުވާނެއެވެ.