ތަޢުލީމީގޮތުން މޮޅު ދަރިވަރަކަށް ވުމަށްޓަކައި ޓިއުޝަން ނަގަން ޖެހޭހެއްޔެވެ؟

Izhaan Abdul Matheen
އިޒްޙާން ޢަބްދުލްމަތީން
1 މަސް ކުރިން
0 މިނިޓް

އެދުރުން ބުނާ އަޑު އަހަމެވެ. " ކެޔޮޅުގެ ނެތް ހިތްވަރެއް ބުޅިއަކު ނުހުންނާނެއެވެ." ތެދެކެވެ. ކޮންމެ ކަމެއް ކުރާއިރުވެސް ހިތަވަރާއެކު ކާމިޔާބު ހޯދުމަށް ބުރަމަސައްކަތް ކުރަން ޖެހެއެވެ. ކާމިޔާބު ލިބޭނީ ކާމިޔާބު ހޯދަން މަސައްކަތްކުރާ މީހުނަށެވެ. މި ބީދައިން ކާމިޔާބު ހޯދުމަށް ކިޔަވާ ދަރިވަރުން ކުރާ އެއް މަސައްކަތަކީ ޓިއުޝަން ނެގުމެވެ. ބައެއް މީހުންގެ ނަޒަރުގައި ޓިއުޝަން ނެގުމަކީ ބޭކާރުކަމެކެވެ. އެހެންނަމަވެސް، ތަޢުލީމީގޮތުން މޮޅު ދަރިވަރަކަށް ވުމަށްޓަކައި ޓިއުޝަން ނެގުމަކީ ވަރަށް މުހިންމުކަމެވެ. 

ޓިއުޝަން ނެގުމުން ކިލާހުގައި ކިޔަވައިދިންއިރު އޮޅުންއެރި ކަންކަން ސާފުކުރެވެއެވެ. އެހެނީ، ސްކޫލުގައި ކުދިން ގިނަވުމުގެ ސަބަބުން ގިނަ ފަހަރަށް މުދައްރިސަށް ހުރިހާ ކުދިންގެ ސުވާލުތަކުގެ ޖަވާބު ނުދެވެއެވެ. ނަމަވެސް، ޓިއުޝަން ކިލާހަށް ދިއުމުން، ދަރިވަރު ކުރާ ސުވާލުތަކަށް ވަކިވަކިން މުދައްރިސަށް ޖަވާބު ދެވެއެވެ. އޭރުން، ފިލާވަޅު ރަނގަޅަށް ނަގައިގަނެވި، އިމްތިޙާނުތަކުގައި ރަނގަޅު ނަތީޖާއެއް ހޯދަން ދަރިވަރަށް ފަސޭހަވެއެވެ. އެހެންކަމުން، ކިލާހުގައި އޮޅުންއަރާ ކަންކަން ސާފުކުރެވޭތީ، ތަޢުލީމީގޮތުން މޮޅު ދަރިވަރަކަށްވުމަށް ޓިއުޝަން ނަގަން ޖެހޭކަމާމެދު ޝައްކެއްނެތެވެ.

ޓިއުޝަން ކިލާސް ނެގުމުން ލިބޭ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފެއެވެ. އެހެނީ، ގިނަކުދިންނަށް ވަގުތު ރާވާލާނެގޮތް ނޭނގޭތީ ސްކޫލުން ގެއަށް އައިސް ދެން ލިބޭ ވަގުތުތައް ބޭކާރުކޮށްލެވެއެވެ. އެހެނަސް، ޓިއުޝަން ކިލާހަށް ދިއުމުން އެ ވަގުތުކޮޅުގައިވެސް ފިލާވަޅު ދަސްކުރާނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ބޭކާރުވާ ވަގުތުތައް މަދުވެއެވެ. އެހެންކަމުން، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރެވޭތީ، ތަޢުލީމީގޮތުން ކާމިޔާބު ދަރިވަރަކަށް ވުމަށް ޓިއުޝަން ނަގަން ޖެހޭކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ. 

ދަރިވަރުން ޓިއުޝަން ކިލާސް ނެގުމުން މުދައްރިސާ ރަނގަޅު، ގާތް ގުޅުމެއް ބޭއްވެއެވެ. އެހެނީ، ސްކޫލް ކިލާސްތަކާ ޚިލާފަށް ޓިއުޝަން ކިލާސްތަކުގައި ތިބޭނީ ވަރަށް މަދު ކުދިންނެވެ. ކަންމިހެންހުރުމުން، މުދައްރިސް ދަރިވަރަށް ދޭ ސަމާލުކަން އިތުރުވެއެވެ. އަދި ދަރިވަރާއި މުދައްރިސްގެ ގުޅުން ބަދަހިވެއެވެ. މިހެންވުމުން، ދަރިވަރުގެ ހިތުގައި ކިޔަވާހިތްޖެހި، ކިޔެވުމަށް އޮންނަ ލޯބި އިތުރުވެއެވެ. އެހެންކަމުން، މުދައްރިސާ ގާތް ގުޅުމެއް ބޭއްވޭތީ، ތަޢުލީމީގޮތުން މޮޅު ދަރިވަރަކަށް ވުމަށް ޓިއުޝަން ނަގަން ޖެހޭކަމާމެދު ދެކޮޅު ހެދޭކަށް ނެތެވެ.

ޓިއުޝަން ކިލާސް ނެގުމުން ކިޔެވުމަށް އިތުރު ހިތްވަރެއް ލިބެއެވެ. އެއީ، ޓިއުޝަން ކިލާސްތަކަކީ ހިލޭ ނަގާ ކިލާސްތަކެއް ނޫނެވެ. ޓިއުޝަން ކިލާހަށް ފީ ދައްކަން ޖެހެއެވެ. މި ފީ ދައްކާނީ ބެލެނިވެރިޔާއެވެ. ކަންމިހެން ހުރިއިރު، އެއްވެސް ކުއްޖަކު އެކުއްޖެއްގެ ބެލެނިވެރިންގެ އާމްދަނީއިން ކުރާ ޚަރަދު ބޭކާރު ޚަރަދަކަށް ހަދާކަށް ބޭނުމެއް ނުވާނެއެވެ. އެހެންވެ، ޓިއުޝަނަށް ދައްކާ ލާރީގެ ބޭނުން ހިފުމަށްޓަކައި ހިތްވަރާއެކު ކިޔަވައެވެ. އެހެންކަމުން، ކިޔެވުމަށް ހިތްވަރު ލިބޭތީ، ތަޢުލީމީގޮތުން މޮޅު ދަރިވަރަކަށްވުމަށް ޓިއުޝަން ނަގަންޖެހޭ ކަމާމެދު ދެކޮޅުހެދޭކަށްނެތެވެ. 

ޢިލްމީ ގޮތުން މަތީ ފެންވަރުގެ ދަރިވަރަކަށް ވުމަށް، ޓިއުޝަން ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، ޓިއުޝަން ނެގުމުން، ސްކޫލްގައި ކިޔަވައިދޭއިރު އޮޅުންއަރާ ކަންކަން އޮޅުންފިލުވެއެވެ. އަދި ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފެއެވެ. މީގެ އިތުރުން، މުދައްރިސާއި ދަރިވަރާ ދެމެދު ގާތް ގުޅުމެއް ޤާއިމްވެއެވެ. ހަމަ މިއާއެކު، ކިޔެވުމަށް އިތުރު ހިތްވަރެއް ލިބެއެވެ. އެހެންކަމުން، ތަޢުލީމީގޮތުން ފާހަގަކޮށްލެވޭ ފެންވަރުގެ ދަރިވަރަކަށް ވުމަށްޓަކައި، ޓިއުޝަން ކިލާސް ނެގުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.

Copyright © 2025 Sofha News
Made with by Afeef & Noor