/2024 ވަނަ ދިރާސީ އަހަރު، ވާދޫ ސްކޫލްގައި އޯ ލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ނަތީޖާ ލިބުމާއެކު، މީގެ ކުރިން ދުވަހަކުވެސް ވާދޫއަށް ލިބިފައިނުވާވަރުގެ ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. ވާދޫއިން އޯ ލެވެލް އިމްތިޙާން ހެދި ދަރިވަރަކު، ދިވެހިރާއްޖޭގެ ގަދަ ދިހައެއްގެ 3 ވަނަ ދަރަޖައިގައި ހިމެނިއްޖެއެވެ.
މި ދަރިވަރަކީ ވާދޫ، އަމަން، މުޙައްމަދު އިދުރީހާއި، އާސިމާ ޢީސާއަށް ލިބިފައިވާ ދެވަނަ ދަރި، މަރިޔަމް މައިސާއެވެ. މައިސާއަކީ 2023/2024 ވަނަ ދިރާސީ އަހަރުގެ ބެސްޓް އޯލް ރައުންޑާރ އެވެ. މި ލިޔުމުގައި މައިސާ މި ވަރުގަދަ ކާމިޔާބީއާ ހަމައަށް ވާޞިލްވެވުނު ގޮތަށް އަލިއަޅުވާލާނަމެވެ.
Screenshot 2025-06-18 200315 (1).png 902.14 KBމައިސާއަކީ ވާދޫ ސްކޫލްގައި ކިޔަވަން ފެށީއްސުރެއް ވެސް މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި މަގުބޫލު ދަރިވަރެކެވެ. މުދައްރިސުންނާއި މައިންބަފައިންގެ ބަސްއަހައި، ކިޔަމަންތެރި ކުއްޖެކެވެ. ގްރޭޑް 5 އިން ފެށިގެން މައިސާ އަކީ ޕްރިފެކްޓެކެވެ. އެހެންކުދިންނަށް ރަނގަޅު ނަމޫނާދައްކާ، ކަންކަމުގައި އިސްނަގާ ދަރިވަރެކެވެ. ޕްރިފެކްޓުކަމުގެ އިތުރުން މައިސާ އަކީ އެހެނިހެން މަޤާމްތައް ވެސް ސްކޫލްގައި އަދާކުރި ދަރިވަރެކެވެ. އެގޮތުން، ލޭންގުއޭޖް ކުލަބުގެ ނައިބު ރަޢީސާ، ބޮޑުތަކުރުފާނު ހައުސްގެ ވައިސް ކެޕްޓަން، އަދި ސޯށަލް ވޮރކް އެންޑް ހިއުމަން ރައިޓްސް ކުލަބުގެ ނައިބު ރަޢީސާކަން ޢަދާކޮށްފައިވެއެވެ.
މައިސާއަކީ 2023/2024 ވަނަ ދިރާސީއަހަރު ވާދޫ ސްކޫލްގެ ކެޕްޓަނެވެ. މުޅި ސްކޫލްގެ ކެޕްޓަންގެ ގޮތުގައި ހުރެ މައިސާ އެހެންދަރިވަރުންނަށް ދެއްކީ ވަރަށް ރަނގަޅު ނަމުނާއެކެވެ. ސްކޫލްގައި ބޭއްވޭ އިތުރު ޙަރަކާތްތަކުގައި ބަރާބަރަށް ބައިވެރިވިއެވެ. މީގެ ކުރިންވެސް މައިސާ އަކީ ޤުރްއާން މުބާރާތާއި މަދަޙަ މުބާރާތަކުގައި ބައިވެރިވާ ދަރިވަރެކެވެ. އަދި ކުޅިވަރު ޙަރަކާތްތަކުގައިވެސް މައިސާ ބައިވެރިވެއެވެ. މިކަންކަމުން ހާމަވަނީ، އިތުރު ޙާރަކާތްތަކުގައި ބައިވެރިވުމަކީ ކާމިޔާބީއާ ހަމައަށް ވާޞިލުވުމަށް އެޅޭ ހުރަހެއްނޫންކަމެވެ.
cc (1).png 558.47 KBއެކިއެކި މާއްދާތަކުން ނަތީޖާ ރަނގަޅުކުރުމަށް މައިސާ ގެންގުޅުނީ ތަފާތު އުކުޅުތަކެކެވެ. އެގޮތުން ބައޮލޮޖީ މާއްދާގައި މުދައްރިސް ކިޔަވައިދޭ މަޢުލޫމާތުތަކަށް ރަނގަޅަށް ސަމާލުކަންދީގެން ކުލާހުގައި އިންނަކަމަށް މައިސާ ބުންޏެވެ. ހަމަމިއާއެކު، މުދައްރިސް ދެއްވާ މަޢުލޫމާތައް އިތުބާރު ކުރެއެވެ. އަދި ބައޮލޮޖީ ނޯޓްސްތައް ދަސްކުރާއިރު ސިލަބަހުގައި ފާހަގަކޮށްފައި ހުންނަ މުހިންމު ނުކުތާތަކަށް ވިސްނައިގެން ދަސްކުރެއެވެ. އަދި އުނދަގޫ މަރުޙަލާއެއް އައިސްފިނަމަ އެ މަރުޙަލާއެއް ހިތައް ގެނުވައިގެން ދަސްވޭތޯ ބަލައެވެ. މިސާލަކަށް 'ޑައިޖެއްޝަން'(ހަޖަމުކުރުން) ހަށިގަނޑުގެ އެތޭރޭގައި ވާނެ ގޮތް ހިތައްގެނެސް، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ވާނެގޮތް ހިތަށް ގެނެއެވެ. އެއަށްފަހު ދަސްވެފައި ހުރި އެއްޗިހި އަޑުލައި، ނޯޓްސް ނުބަލައި ކިޔުމަށްފަހު، ހަނދާނުގައި ހުރި އެއްޗެއް ލިޔެއެވެ. އެގޮތަށް ކަންތައްކުރުމުން ވަރަށް ފަސޭހައިން ދެނެގަނެވޭކަމަށް މައިސާ ބުންޏެވެ. މީގެ އިތުރުން ގިނަގިނައިން ޕާސްޓް ޕޭޕަރުގެ ސުވާލުތައްވެސް ހެދި ކަމަށް މައިސާ މަޢުލޫމާތުދިނެވެ. މިގޮތަށް ކަންތައް ކޮށްގެން މައިސާ ބައޮލޮޖީއިން އޯ ލެވެލް އިމްތިޙާނުގައި ހޯދާފައިވަނީ އޭ ސްޓާ(A*) އެވެ.
އެކައުންޓް މާއްދާގައިވެސް މައިސާ ކަންތައްކުރީ މިކަހަލަ ގޮތަކަށެވެ. މުދައްރިސް ކިޔަވައިދޭއިރު ރަނގަޅަށް ސަމާލުކަން ދީގެން ކުލާހުގައި އިނަންކަމަށް މައިސާ ބުންޏެވެ. އަދި ކުލާހުގައި މުދައްރިސް ދޭ ސުވާލުތައް، ހަމަ އެދުވަހު ޕާސްޓްޕޭޕާރުން ހޯދައިގެން ހެދިއެވެ. މީގެ އިތުރުން، މައިސާއަކީ އެކައުންޓަންޓްއެއް ކަމަށް ހިތައްއަރުވައިގެން އެ ސުވާލުތައް މައިސާ ހަދިއެވެ. އޭރުން މާ ރަނގަޅަށް ދެނެގަނެވޭކަމަށް މައިސާ މަޢުލޫމާތު ދިނެވެ. ކުލާހުގައި ކިޔަވައިދޭ އެއްޗެއްގެ އިތުރުން، ގިނަގިނައިން އެކައުންޓް ޕާސްޓްޕޭޕަރ ވެސް މައިސާ ހެދިއެވެ. އަދި ވަރަށް ގިނައިން ޕާސްޓްޕޭޕަރ ތަކުގައި އެމް.ސީ.ކިޔު ސުވާލު ތަކުރާވެފައި ހުންނަކަން ފާހަގަވުމުން، ވަރަށް ގިނައިން އެމް.ސީ.ކިޔު ސުވާލު ހަދާކަމަށް މައިސާ ބުންޏެވެ. ނަތީޖާއަކަށްވީ، އެކައުންޓްއިން ވެސް މައިސާއަށް އޭ ސްޓާ(A*) ލިބުމެވެ.
vv (1).png 532.63 KBހިސާބު މާއްދާއިން ނަތީޖާ ރަނގަޅު ކުރުމަށް، ކުލާހުގައި ދެވޭ މަސައްކަތްތަކުގެ އިތުރުން އަމިއްލައަށް ޕާސްޓްޕޭޕަރ ހަދާ ކަމަށް މައިސާ ބުންޏެވެ. އަދި ޕާސްޓްޕޭޕަރ ހަދާއިރު ޖިންޖާ މެތަމެޓިޝިއަން ކިޔާ ޔޫޓިއުބު ޗެނަލްއެއް ބަލާކަމަށް މައިސާ ބުންޏެވެ. އެ ޗެނަލްގައި ތަފާތު ޕްލޭލިސްޓްތައް ހުރެއެވެ. ކޮންމެ ޕްލޭލިސްޓެއްވެސް ޚާއްސަކޮށްފައި ހުންނަނީ ވަކި ފިލާވަޅަކަށެވެ. އެ ޕްލޭލިސްޓްތައް ބެލުމުން އެކި ފިލާވަޅުތައް ދަސްކުރަން ވަރަށް ފަސޭހަކަމަށް މައިސާ ބުންޏެވެ. އެއީ، އެ ޗެނަލްގައި، ކޮންމެ ފިލާވަޅަކުންވެސް ހުރިހާ ޒާތެއްގެ ޕާސްޓްޕޭޕަރ ސުވާލަކަށް ސަމާލުކަން ދީފައިވާތީކަމަށް މައިސާ ބުންޏެވެ. މިގޮތަށް ކަންތައް ކޮއްގެން ހިސާބުންވެސް މައިސާ ހޯދީ ހަމަ އޭ ސްޓާ(A*) އެވެ.
yy (1).png 585.13 KBބިޒްނަސް މާއްދާގައި އަބަދުވެސް މުދައްރިސް ފިލާވަޅު ކިޔައިދޭ ވަގުތު ކުދި ނޯޓްސް ހަދާ ކަމަށް މައިސާ ބުންޏެވެ. އެ ފިލާވަޅެއްގެން 'ޑެފިނިޝަން'ތަކާއި، 'ފީޗާސް'ތަކާއި، 'އެޑްވާންޓޭޖަސް' އަދި 'ޑިސްއެޑްވާންޓޭޖަސް' ތަކަށް އަލިއަޅުވާލާކަމަށް މައިސާ ބުންޏެވެ. އޭރުން އިމްތިޙާން ކައިރިވުމުން، ޓެކްސްޓް ފޮތް ކިޔުމުގެ ބަދަލުގައި އެ ނޯޓްސްތަކަށް ލޯ ހިންގާލުމުން ވަރަށް ފަސޭހައިން ފިލާވަޅު ދަސްވެއެވެ. އަދި ވަގުތުވެސް ސަލާމަތްވެއެވެ. މައިސާ ބިޒްނަސްއިންވެސް ހޯދީ އޭ ސްޓާ(A*) އެވެ.
bb (1).png 531.65 KBމައިސާ މަޢުލޫމާތު ދިންގޮތުގައި، ކެމިސްޓްރީ މާއްދާގައި ކުލާހުގައި ކިޔަވާއިދޭ އެއްޗެހި ރަނގަޅަކަށް ބޮލަކަށް ނުވަދެއެވެ. އެހެންވެ މައިސާ އަމިއްލައަށް ކެމިސްޓްރީ ކިޔަވަން ފެށީއެވެ. އެގޮތުން، ސިލަބަހުގައި ފާހަގަކޮށްފައި ހުންނަ މައިގަނޑު ނުކުތާތަކަށް ވިސްނައިގެން ފިލާވަޅުތައް ދަސްކުރިއެވެ. އެ ނުކުތާތަކަށް ވުރެއް އިތުރަށްވެސް އަދި މަދުންނެއްވެސް ދަހެއްނުކުރަންކަމަށް މައިސާ ބުންޏެވެ. އަދި ޔޫޓިއުބު ބަލައިގެން ކެމިސްޓްރީ ޕާސްޓްޕޭޕަރ ހެދި ކަމަށް މައިސާ ބުންޏެވެ.
އިސްލާމް މާއްދާގައި މައިސާ ފޮތުގައި ހުރި މަޢުލޫމާތުތަށް ހިތުދަސްކުރިއެވެ. އަދި ފިޤުހުގެ ފިލާވަޅުތައް ދަސްކުރިއިރު، ބައޮލޮޖީ އަދި އެކައުންޓްގައި ހެދިގޮތަށް ޙާދީޘާތަކެއް ހިތަށް ގެނެސްގެން ދަސްކުރިކަމަށް މައިސާ ބުންޏެވެ. އެއީ ގިނައިން އިސްލާމްގައި ފިޤުހުގެ ސުވަލުތައް ޙާދިޘާއަކަށް ގުޅުވައިގެން އައިސްފައިހުންނާތީކަމަށް މައިސާ މަޢުލޫމާތުދިނެވެ. އިސްލާމްގައިވެސް މައިސާ ހޯދީ ހަމަ އޭ ސްޓާ(A*) އެވެ.
އިނގިރޭސި މާއްދާގައި އެންމެ ބޮޑު ފަސޭހައެއް ލިބުނު ކަމަކީ ގިނަގިނައިން އައު ލަފުޒުތައް ދަސްކޮށް، އެ ލަފުޒުތައް ބޭނުންކުރެވެން އޮތް ކޮންމެ ތަނަކު ބޭނުންކުރުން ކަމުގައި މައިސާ ބުންޏެވެ. ހަމަގައިމުވެސް މިގޮތަށް ކަންތައް ކުރުމުން އިނގިރޭސީގެ ނަތީޖާ ވަރަށް ރަނގަޅުވިއެވެ. ސަބަބަކީ، އޯ ލެވެލްގައި މައިސާ އިނގިރޭސިންވެސް އޭ ސްޓާ(A*) ހޯދާފައިވާތީއެވެ.
gg (1).png 542.13 KBމައިސާ ގެ ވަރުގަދަ ޢަޒުމާއި ހިއްވަރާއެކު އޯ ލެވަލް އިމްތިޙާނުގައި 6 އޭ ސްޓާ(A*) އަދި 2 އޭ(A) ހޯދާފައިވެއެވެ. އެގޮތުން ބައޮލޮޖީއިން އޭ ސްޓާ(A*)، ހިސާބުން އޭ ސްޓާ(A*)، ބިޒްނަސްއިން އޭ ސްޓާ(A*)، އެކައުންޓްއިން އޭ ސްޓާ(A*)، އިނގިރޭސިން އޭ ސްޓާ(A*)، އިސްލާމުން އޭ ސްޓާ(A*)، ކެމިސްޓްރީއިން އޭ(A)، އަދި ދިވެހިން އޭ(A) މައިސާ ވަނީ ހޯދާފައެވެ. މިފަދަ ތަފާތު ނަތީޖާއެއް ހޯދޭނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާއި ހިތްވަރާއެކުއެވެ. މައިސާއަށް ލިބުނު އެންމެބޮޑު ހިއްވަރަކީ އޭނާގެ މަންމައާއި ބައްޕަ އޭނާއަށް ފުރިހަމަ އެއްބާރުލުން ދިނުމެވެ. އަދި އަބަދުއަބަދު މައިސާ ކިޔެވުމަށް ބާރުނޭޅުމެވެ. މައިސާ ބުނިގޮތުގައި، މައިސާގެ މައިންބަފައިން މައިސާ ނުކިޔަވާ މާގިނައިރުތަކެއް ހޭދަކޮށްލިއަސް، އެ ދެމީހުން މައިސާދެކެ ރުޅި ނާންނަކަމަށެވެ. އެއީ މައިސާ އަދި ފަހުން ފޮތްކިޔައި، ފިލާވަޅުތައް ދަސްކުރާނެކަން އެނގޭތީކަމަށް މައިސާ ބުންޏެވެ.
fd (1).png 511.43 KBމައިސާއަށް ލިބުނު ދެވަނަ ހިއްވަރަކީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައާއި، އޭނާގެ ކަޒިންސް ލައިޝާ، ރަފާ، ހަނާ، އަދި ޝުވާޢުއެވެ. އެއީ އެކުދިންވެސް ވަރަށް ރަނގަޅު ނަތީޖާ އޯ ލެވެލްގައި ހޯދައި، މައިސާވެސް އެގޮތަށް ކަންތައްކުރުމަށް އެއްބާރުލުން ދިނީތީއެވެ. މައިސާ ބުނި ގޮތުގައި މަންމައާއި ބައްޕައަށް ވުރެއްވެސް މާބޮޑު ދަޢުރެއް މި މީހުން ޢަދާކުރިއެވެ.
ތިންވަނަ ހިއްވަރަކީ މައިސާގެ ކުލާސް ކުދިންނެވެ. މައިސާގެ ކުލާސްމޭޓުން ކަމުގައިވާ ޝިޒާން އަދި ރިޟްވާން އަބަދުވެސް މައިސާއަށް ހިއްވަރުދިނެވެ. މީގެއިތުރުން، މައިސާއަށް ކިޔަވައިދިން މުދައްރިސުންވެސް މައިސާއަށް އަބަދުވެސް ހިއްވަރު ލައިދިނެވެ. އަދި ޓޮޕްޓެން(ގަދަ ދިހައެއް)އަށް ދިއުމުގެ ކުޅަދާނަކަށް މައިސާގެ ހުރިކަމަށް ބުނެ، މައިސާއަށް ޔަޤީންކަންދިނެވެ.
zz (1).png 502.98 KBމައިސާ ބުނިގޮތުގައި، ނަތީޖާލިބެން ކައިރިވަމުން ދިޔަވަރަކަށް، ތަފާތު ހީތައް ކުރެވެމުން ދިޔައެވެ. އަދި ވަރަށް ފިކުރުބޮޑުވެ، ނުނިދާ، ނުކައި ވެސް އުޅެވުންކަމަށް މައިސާ ބުންޏެވެ. ނަތީޖާ ލިބުނުދުވަހު ވަރަށް އުފާވިކަމަށް މައިސާ ބުންޏެވެ. އެއީ ދިވެހިރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިފައި ވާތީއެވެ. އަދި އެވެސް ތިންވަނަ ދަރަޖައިގައެވެ. ނަމަވެސް އެދުވަހު ފަހުން ވަރަށް ހިތްދަތިވިކަމަށް މައިސާ ބުންޏެވެ. އެއީ އޭނާ ކަނޑައެޅި ޢަޒުމުކަމަށްވާ، ހުރިހާ މާއްދާއަކުން އޭ ސްޓާ(A*) ނުހޯދުނީމައެވެ.
މައިސާ އޭނާގެ ރޯލް މޮޑެލްއެއްގެ ގޮތުގައި ޚިޔާރުކުރީ އޭނަގެ ދައްތައާއި އޭނާގެ ކަޒިންސްއެވެ.
މިފަދަ އަންތަރީސްކުރުވަނިވި ނަތީޖާއަކާއެކު، ކޮންމެ ދަރިވަރަކުވެސް ކުރިއަށް ދާނީ ވަރަށް ތަފާތު ދާއިރާއަކުންނެވެ. މައިސާ ބުނާގޮތުގައި ކުރިއަށްދާނެ ދާއިރާއެއް އަދި ޔަޤީނެއްނުވެއެވެ. މައިސާގެ ވަށައިގެން އުޅޭ ގިނަ މީހުން މަސައްކަތްކުރަނީ ޞިއްޙި ދާއިރާގައެވެ. މައިސާއަށް ވެސް ނަމޫނާ ލިބުނީ އެމަގުން ކުރިއަށް ދިއުމަށެވެ. ނަމަވެސް ފަހަކަށް އައިސް އޭނަގެ ޚިޔާލު ތަފާތުވެ، ޢިމާރާތް ފަރުމާކުރުމުގެ ދާއިރާއަށް ހިތްޖެހިއްޖެކަމަށް މައިސާ ބުންޏެވެ. އެގޮތުން، މައިސާ ކުރިއަށް ދާން ބޭނުންވަނީ އާކިޓެކްޗަރގެ ދާއިރާއިންނެވެ. އެއީ އެ ދާއިރާގައި މައިސާގެ އަމިއްލަ ޚިޔާލުތަކާއި ވިސްނުން ބޭނުންކުރެވޭތީކަމަށް އޭނާ ބުންޏެވެ. މިދާއިރާއިން ކުރިއަށް ނުދެވިއްޖެނަމަ ކުރިއަށްދާނީ ޓީޗިންގގެ ދާއިރާއިން ކަމަށް މައިސާ ބުންޏެވެ.
އެހެން ކިޔަވާ ދަރިވަރުންނަށް މައިސާ ދޭން ބޭނުންވާ ނަޞޭޙަތެއް އެބައޮތެވެ. "މުދައްރިސުންނަށް އަބަދުވެސް އިޙްތިރާމްކުރާށެވެ. އެމީހުންނަކީ ތިކުދިންގެ ޙަޔާތަށް އަންނާނޭ އެންމެ ހިތްހެޔޮ، އެންމެ އޯގާތެރި މީހުންނެވެ. އަދި އަބަދުވެސް އެ މުދައްރިސުން ތިބިކަމަށްޓަކައި ޝުކުރުވެރިވާށެވެ. އެ މުދައްރިސުންގެ މުހިންމުކަން އެނގޭނީ، ތިކުދިންގެ ޙަޔާތުން އެ މުދައްރިސުން ބީވެގެން ދިޔައީމައެވެ. މީގެ އިތުރުން، ތިކުދިންގެ އެކުވެރިންނަށް އަބަދުވެސް ކަމޭހިތައި، ތިކުދިންނަށް އެނގުނު އެއްޗެއް އެކުދިންނަށް އުނގަންނައިދޭށެވެ. އަދި ސްކޫލަށް ދާން ޖެހޭތީ ސްކޫލަށް ނުގޮސް، ސްކޫލަށް ދާހިތުން ދާށެވެ. އަދި ކިޔަވާހިތްވާ ވަގުތު ތަކުގައު ވަރަށް ރަނގަޅަށް ކިޔަވާށެވެ. ބްރޭކް ވެސް ނަގަންޖެހޭނެއެވެ. ނަމަވެސް، ކިޔަވާށޭ ކިޔާފައި އަރޓް، ނުވަތަ ކުޅިވަރު ފަދަ ހޮބީތައް ނަމަނަމަ ދޫކޮށްލައިގެން ނުވާނެއެވެ."