ވޭޕްގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކުރަން ޖެހޭ

ޒުވާނަކު ވޭޕް ބޭނުންކުރަނީ
Izhaan Abdul Matheen
އިޒްޙާން ޢަބްދުލްމަތީން
2 މަސް ކުރިން
0 މިނިޓް

ޒަމާން ބަދަލުވެއްޖެއެވެ. މި ބަދަލާއެކު މީހުން ތަހުޒީބުވުމުގެ ބަދަލުގައި، ވިއްޔާ ވީ ނާތަހުޒީބެވެ. މިހެން ނުބުނެވެންވީ ސަބަބެއް ނެތެވެ. އިހަށްވުރެ ސިނގިރޭޓު ފިލްޓާރތައް މަގުމަތިން ފެންނަ ޢަދަދު މަދުވެފައި ވީ ނަމަވެސް، ހުސްވެފައިވާ ވޭޕް ފޮށި ފޮށި މިހާރު ވަނީ ގިނައެވެ. އާނއެކެވެ. މިހާރު ވޭޕަކީ ޒުވާނުންގެ ފުރާނައިގެ ކާނާއޭ ބުނުމުންދޮގަކަށް ނުވާނެއެވެ. އެ ވޭޕާ ނުލައި ބައެއް ދިވެހި ޒުވާނުންނަށް ނިދިފިޔައެއް ވެސް ޖަހައިނުލެވެއެވެ. މަންމައާއި ބައްފައަށް ވަގަށްވެސް މި ޒުވާނުން ވޭޕް ބޮނީއެވެ. އެހެންކަމުން، ވޭޕްގެ ވަބާއިން ދިވެހި ޒުވާނުން މިވަނީ ސަލާމަތްކުރާން ޖެހިފައެވެ. 

ވޭޕަކީ ތަފާތު އެކިއެކި ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ އެއްޗެކެވެ. އެހެނީ، ވޭޕުގައި ސިނގިރޭޓަށް ވުރެ މާ ނުރައްކާތެރި ޢަދަދަކަށް ނިކޮޓިން އެކުލެވިގެންވެއެވެ. މި ނިކޮޓިންއަކީ ފުއްޕާމެއަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ މާއްދާއެކެވެ. ކޮންމެއަކަސް، ދިގު މުއްދަތަކަށް ވޭޕް ބޭނުންކުރުމުން ތަފާތު އަނގައިގެ އަދި ކަރުގެ ބަލިތަކަށް ދިވެހި ޒުވާނުން ހުށައެޅެއެވެ. އަދި ފުއްޕާމޭގެ ކެންސަރަށް ވެސް މަގުހުޅުވިގެންދެއެވެ. މިހެން ގޮސް އެންމެފަހުން، ވޭންހުރި މަރެއްގައި ދިވެހި ޒުވާނުން މި ދުނިޔެ ދޫކޮށްދެއެވެ. އެހެންކަމުން، ވޭޕްގެ ސަބަބުން ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވުމަކީ ދިވެހި ޒުވާނުން ވޭޕްގެ ވަބާއިން ސަލާމަތްކުރަން ޖެހޭ ސަބަބެއްކަމާމެދު ޝައްކެއްނެތެވެ. 

ދިވެހި ޒުވާނުންނަކީ މި ޤަޢުމުގެ މުސްތަޤުބަލެވެ. އެހެނީ، ކުރިމަގުގައި ސަރުކާރާ ގުޅުންހުރި ބޮޑެތި މަޤާމުތަކާ ޙަވާލުވާނީ މިހާރުގެ ޒުވާނުންނެވެ. އަދި ރައްޔިތުންގެ ޙައްޤުތައް އަދާކޮއްދިނުމުގެ ޒިންމާ މަތިކުރެވިފައި ތިބޭނޭ މީހުންނަކީ ވެސް ހަމަ އަދުގެ ޒުވާނުންނެވެ. ކަންމިހެން ހުރިއިރު، ދިވެހި ޒުވާނުން ވޭޕްގެ ނުރައްކާތެރި ވަބައިގައި ޖެހި، ލާޗާރު ބިޗާރު ހެދިގެން އެކީއެކައްޗަކަށް ބަރުބާދުވެގެން ގޮސްފިނަމަ، ދިވެހިރާއްޖޭގެ މުސްތަޤުބަލު ރަނގަޅުވާނެ ހެއްޔެވެ؟ ބޮޑެތި މަޤާމުތަކާ ޙަވާލުވެ، ތަރައްޤީގެ ނައު ނިޔާމަ މަންޒިލަކަށް ބަނދަރުކުރުމުގެ ޤާބިލިއްޔަތު ދިވެހި ޒުވާނުންގެ ކިބައިގައި ހުންނާނެ ހެއްޔެވެ؟ ހަމަ ބުއްދި ހުރި މީހަކަށް ވިއްޔާ މި ސުވާލުގެ ޖަވާނު އެނގޭނެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މުސްތަޤުބަލު އުޖާލާކޮށް ބޭއްވުމައްޓަކައި ދިވެހި ޒުވާނުން ވޭޕްގެ ވަބާއިން ސަލާމަތްކުރަން ޖެހޭ ކަމީ ދެކޮޅުހެދެން ނެތް ހަޤީގަތެކެވެ. 

ވޭޕަކީ އިސްލާމްދީނުގައި ހަރާމްކުރާއްވާފައިވާ އެއްޗެކެވެ. އެހެނީ، ކުރިން ވެސް ފާހަގަކޮއްލި ފަދައިން ވޭޕުގައި ގިނަ ޢަދަދަކަށް ނިކޮޓިން އެކުލެވިގެންވެއެވެ. މި ނިކޮޓިންގެ ސަބަބުން ދިވެހި ޒުވާނުން ވޭޕަށް ވަރަށް ގަދައަށް މަސްތުވެ ދެވިހިފައެވެ. ވަޙީއާއި ސުންނަތުގެ އަލިގައި މަސްތުކުރުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެއްކަން އަހަރެމެނަށް އެނގެއެވެ. މީގެ ސަބަބުން ދިވެހި ޒުވާނުން ދުނިޔޭގައި ބޮޑެތި ޢުޤޫބާތްތަކާ ކުރިމަތިލާން ޖެހެއެވެ. އަދި އާޚިރުގައި ވަރަށް ބޮޑެތި ޢަޛާބުވެސް މާތް ﷲ އެމީހުނަށް ދެއްވާނެއެވެ. އެހެންކަމުން، ވޭޕަކީ ޙަރާމް އެއްޗަކަށް ވީތީ ދިވެހި ޒުވާނުން ވޭޕުން ސަލާމަތްކުރަން ޖެހޭކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ. 

ވޭޕްގެ ސަބަބުން ނުސީދާގޮތުން އެހެން މީހުނަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން، ވޭޕް ބޭނުންކުރުމުން އެ ވޭޕް ބޭނުންކުރާ މީހާއަށް ލިބޭ ގެއްލުންތަކާއި އަސަރުތައް، ކައިރީގައި ތިބޭ ވޭޕް ބޭނުންނުކުރާ މީހުނަށް ވެސް ކުރެއެވެ. އަދި އެމީހުނަށް ވެސް ނުރައްކާތެރި ބަލިތައްޖެހި، މަރާ ބައްދަލުކުރަންޖެހޭ ޙާލަތްތައް މަދެއް ނޫނެވެ. މިއީވެސް އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. އެހެނީ ދިވެހި ޒުވާނުން ވޭޕް ބޭނުންކުރުމުން އަމިއްލަ ފުރާނައަށް ގެއްލުން ދިނުމުގެ އިތުރުން އެހެން މީހުނަށް ވެސް އެދެނީ ގެއްލުމެވެ. އަހަރެމެންގެ ކީރިތި މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. [ގެއްލުމެއް ދިނުމެއް ވެސް، އަދި ގެއްލުމެއް ލިބިގަތުމެއްވެސް ނެތެވެ.] އެހެންކަމުން، ނުސީދާގޮތުން ވޭޕްގެ އަސަރުތައް އެހެންމީހުނަށް ވެސް ކުރާތީ، ޒުވާނުން ވޭޕްގެ ވަބާއިން ސަލާމަތް ކުރަން ޖެހޭކަމާމެދު ދެކޮޅު ހެދޭކަށް ނެތެވެ. 

ވޭޕްގެ މި ނުރައްކާތެރި ޢާލަމީ ވަބާއިން ދިވެހި ޒުވާނުން މިވަނީ ސަލާމަތް ކުރަން ޖެހިފައެވެ. އެއީ ވޭޕްގެ ސަބަބުން ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވާތީއެވެ. އަދި ޒުވާނުންނަކީ މި ޤަޢުމުގެ މުސްތަޤުބަލު ކަމުގައި ވާތީއެވެ. މީގެ އިތުރުން، ވޭޕަކީ އިސްލާމްދީނުގައި ޙަރާމް އެއްޗަކަށް ވާތީއެވެ. އަދި އެހެންމީހުނަށް ނުސީދާގޮތުން ތަފާތު އަސަރުތައް ވޭޕްގެ ޛަރީޢާއިން ކުރާތީއެވެ. ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުމަކީ ޤާނޫނީ ކުށެއްކަމުގައި ވީނަމަވެސް، ވޭޕް މިހާރުވެސް ހުއްޓުމެއްނެތި ބޭނުންކުރަމުން ދާކަމީ އަހަރެމެން އެންމެނަށް އެނގޭ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ވީމާ، ވޭޕްގެ ނުރައްކަލުން ޒުވާނުން ދުރުކުރުމަށް މިއަށްވުރެ ވަރުގަދަ ޤާނޫނުތައް އެކުލަވައިލައި، ހުރިހާ ރައްޔިތުން އެކީ ޒުވާނުންގެ ކުރިމަގު އުޖާލާކުރަން މަސައްކަތް ކުރަން ޖެހެއެވެ. 

Copyright © 2025 Sofha News
Made with by Afeef & Noor